ދުނިޔެ

ސައޫދީގައި އެއް ދުވަހެއްގައި 50 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަނީ

Nov 27, 2015

އެއް ދުވަހެއްގައި 50 އަށް ވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން ސައޫދީ އަރަބިއްޔާ އިން ތައްޔާރުވަމުން އަންނަ ކަމުގެ ރިޕޯޓްތަކެއް ފެތުރި ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އެގައުމަށް އަމާޒުވެއްޖެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސައޫދީން، ޓެރަރިޒަމްގެ ކުށުގައި އެއްފަހަރާ މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުވަމުން ދަނީ 55 މީހެއްގެ މައްޗަށެވެ. އެ އަދަދު އަރަނީ 52 އަށް ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނާއިރު މިއީ ސައޫދީގެ ރަސްކަމާ ދެކޮޅަށް މުޒާހަރާކުރި ޝިއައީންގެ ތެރެއިން މަރުގެ ހުކުމް އިއްވި ބައެއް ކަމަށް ރިޕޯޓް ލިބެ އެވެ.

ސައޫދީގައި މި އަހަރުގެ މިހާތަނަށް ވެސް 151 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ. މިއީ 1995 ވަނަ އަހަރަށް ފަހު ސައޫދީގައި އެއް އަހަރު ތެރޭގައި މިހާ ގިނަ ކުށްވެރިންތަކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.

ސައޫދީގައި މިދިޔަ އަހަރު ވެސް 90 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ. އެގައުމުގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ކަނޑިން ޖަހައި ބޯބުރިކޮށްލައިގެންނެވެ.

ސައޫދީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މަރުގެ ހުކުމް އިއްވަން ތައްޔާރުވަމުން ދަނީ އަލްގައިދާގެ ޓެރަރިސްޓުންތަކެއްގެ މައްޗަށެވެ.