ދުނިޔެ

ތާލިބާނުން ރިޔާސި ގަނޑުވަރުގައި ދިދަނަގައިފި

އެމެރިކާ ރޮއްވާލި 11/9 ހާދިސާއަށް 20 އަހަރު ފުރުން މުޅި އެމެރިކާގައި ފާހަގަ ކުރަމުން ގެންދާއިރު ކާބުލްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ތާލިބާނުން ދިދަ ނަގައިފި އެވެ.

އަފްޣާނިސްތާންގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށް ފަހު ތާލިބާނުން މިހާރު ވަނީ މުޅި ކާބުލް މުށުތެރެއަށް ލާފަ އެވެ. ކާބުލް އަދި ކާބުލްއާ އިންވެގެން އޮންނަ އަވަށްތަކުގައި ހުރިި އޮފީސްތަކާއި ބޭރު ގައުމުތައް ތަމްސީލްކުރާ ބައެއް އޮފީސްތަކުގައި ވެސް ތާލިބާނުން ވަނީ ދިދަ ނަގާފަ އެވެ.

ތާލިބާނުން އަފްޣާންގައި ފޯރި ނަގަމުން ގެންދިއަ ނަމަވެސް އެ ޖަމާއަތާ ގާތް ގުޅުމެއް ނޯންނަ ޓެރަރިސްޓް އެހެން ޖަމާއަތްތަކުން ކާބުލްއަށް ދީފާނެ ހަމަލާއަކުން ރައްކާތެރިވުން ތާލިބާނުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބުނެވެ އެވެ. މި ސަބަބަށްޓަކައި މުޅި ކާބުލްގައި މިހާރު ވެސް އޮތީ ސަލާމަތީ ގޮތުން ގަދަފަދަ ފިޔަވަޅުތައް އަޅާފަ އެވެ.

އަފްޣާންގެ އަވަށްތަކުގައި ޚާއްސަކޮށް ކާބުލްގައި އެއްވެ އުޅުން ވެސް އޮތީ މަނާ ކޮށްފަ އެވެ. އެއީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް އައިސިސްކޭ ގުރޫޕުން ވަދެގަނެ ޖާނު ގޮއްވާލަފާނެ ކަމަށް ބިރުންނެވެ.

އަނެއްކޮޅުން އެމެރިކާއާށް ދިން ޓެރަރިސްޓް ހަމަލާއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ވެސް އައިސިސްއިން ތަނެއް ގޮއްވާލުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޮތީ ބެލެވިފަ އެވެ.

އަފްޣާންގައި ތާލިބާނުން ވަގުތީ ސަރުކާރެއް އެކުލަވާލައި އިސްކޮށް ތިބި މީހުންނަށް ތާއީދުކޮށް ލިޔުންތަކައި ފޮޓޯތައް މުޅި ކާބުލްއަށް ވަނީ އުކާލާފަ އެވެ. މިއީ އަފްޣާން ރައްޔިތުންގެ މެދުގައި ވެރިން މަގުބޫލް ބަޔަކަށް ހެދުމަށް ކުރާ ކަމެއް ކަމަށް ބުނެވެ އެވެ.