މީރާ

ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

Sep 12, 2021

މިއަހަރު އޮގަސްޓް މަހުގައި މީރާއިން 1.27 ބިލިއިން ރުފިޔާ ބަލައިގެންފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހުގައި ލިބުނު އާމްދަނީއަށްވުރެ %25.4 ދަށް އަދަދެކެވެ. އެެއީ އޮގަސްޓް 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %3.0 ދަށް އަދަދެކެވެ.

އޮގަސްޓް 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓް 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ހާލަތު ކަމަށް މީރާއިން ބުންޏެވެ. 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ އޮގަސްޓް ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރު އޮގަސްޓް ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބެކެވެ.

އޮގަސްޓް 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ %53.8 ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއި %24.0 ނުވަތަ 305.27 މިލިއިން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއިން ރުފިޔާ (%5.9)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (%3.2)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (%10.5) ހިމެނެއެވެ.

އޮގަސްޓް 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއިން އެމެރިކާ ޑޮލަރު ހިމެނެއެވެ.