އުމަރު ނަސީރު

ޑްރަގުން ސަލާމަތް ކުރަން ޖެހޭނީ ނިކަމެތި މީހާގެ މަސައްކަތުން: އުމަރު

ޑްރަގުގެ ވިހަ ޒަހަރުން ގައުމު ސަލާމަތް ކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ރައްޔިތުންގެ މަޖިލީހުގައި ކަމާގުޅޭ އިދާރާތަކުން ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އުމަރަކީ މަސްތުވާތަކެތިން މުޖްތަމައު ސަލާމަތް ކުރުމަށް ހަރުކަށި --ހަރުދަނާ-- އުސޫލުތަކެއް ގާއިމުކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ހާލަތު ބަދަލު ކުރުމަށް ސިޔާސީ ވެރިން ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި އެފަދަ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅުތައް ހުރީ ބުރިބުރިއަށް ނަންގަވާ ގޭޓްގައި ތަޅުއަޅުވާ ކެމެރާ ހަރުކޮށްފައެވެ.

"ގިނަ މީހުންގެ ދަރިން ތިބީ ބޭރު ގައުމުތަކުގައި. އާއިލާތައް ތިބީ ބޭރު ގައުމުތަކުގައި. ގިނަ ބޭފުޅުން ވަނީ ބޭރު ގައުމުތަކުން ގެދޮރު ބައްލަވައިގެންފައި. އެ މީހުންގެ ދަރިޔަކު މި ޒަހަރު [ޑްރަގްގެ ވަބާ] ގައި ޖެހިއްޖެނަމަ ބަހައްޓާނީ ބޭރު ގައުމެއްގައި،"

އުމަރު ވިދާޅުވީ ޑްރަގުގެ ވިހަ ޒަހަރުން ގައުމު ސަލާމަތް ކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުންނެވެ.

މަސްތުވާ އެއްޗެތީގެ ހާލަތު ބަދަލުކުރުމަށް ސިޔާސީ ވެރިން ވިސްނަންޖެހޭ ސަބަބެއް ނެތް. އެ މީހުންގެ ގެތައް ހުރީ ބުރިބުރިއަށް ނަގާ، ގޭޓްގައި ތަޅުލާ ކެމެރާ ހަރުކޮށްފައި. ގިނަ މީހުންގެ ދަރިން ތިބީ ބޭރު ގައުމުތަކުގައި. އާއިލާތައް ތިބީ ބޭރު ގައުމުތަކުގައި. ގިނަ ބޭފުޅުން ވަނީ ބޭރު ގައުމުތަކުން ގެދޮރު ބައްލަވައިގެންފައި. އެ މީހުންގެ ދަރިޔަކު މި ޒަހަރު [ޑްރަގްގެ ވަބާ] ގައި ޖެހިއްޖެނަމަ ބަހައްޓާނީ ބޭރު ގައުމެއްގައި. މި ޒަހަރުން މި ގައުމު ސަލާމަތް ކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުން
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް މައްޗަށެވެ. އެ ތަކެތި ރާއްޖެ އެތެރެވާ މިންވަރު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. މިދިޔަ ފަސް އަހަރު 5،660 މީހެއްގެ މައްސަލަ ކޯޓަށް ވަނީ ފޮނުވާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 167 ގައިދީންނަކީ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން މީހުންނެވެ. ޖަލުގައި ތިބި 556 ގައިދީންނަކީ ސީދާ ޑްރަގްގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. އެއީ ޖަލުގެ އާބާދީގެ 60 ޕަސެންޓް ގައިދީންނެވެ.

މީގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި ޖަލުގައި ހުކުމް ނުކޮށް ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުންނަކީ ޑްރަގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނެވެ. ޖަލުގައި ތިބި ޖުމްލަ ގައިދީންގެ ތެރެއިން 86 ޕަސެންޓް މީހުންނަކީ ކޮންމެވެސް ގޮތަކުން މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުންނެވެ.