ގާސިމް އިބްރާހިމް

އަލީ ވަހީދު ހުރީ "ފްރޭމް" ކޮށްފައިހެންވެސް ހީވޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފި އެވެ. އަލީ ވަހީދު ދިފާއު ކުރައްވާ ގާސިމް ވާހަކަ ދެއްކެވީ އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާ ކޯޓްގައި މައްސަލަ ހިނގަމުންދާއިރުވެސް އޭނާ ޖޭޕީގެ ރައީސް ކަމުން ވަކިކޮށްފައިނުވާތީ އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު އެ ޕާޓީގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި އަދި ނެތް ކަމަށެވެ. އޭގެ ފަހުން ވިދާޅުވީ މިހާރު ކަންކަން ވަމުންދާ ގޮތުން އަލީ ވަހީދު ހުރީ "ފްރޭމް" ކޮށްފައި ކަމަށްވެސް ބައެއް ފަހަރު ހީވާ ކަމަށެވެ.

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވަނީ ގަބޫލުކުރަން ދަތި ގޮތަކަށް ކަމަށެވެ. އަލީ ވަހީދު މަގާމުން ދުރުކުރުމާއެކު އޭނާއަށް އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ގެއްލޭއިރު އެ ޕާސްޕޯޓް ކެންސަލް ކުރުމަށް ކޯޓަށް ހުށައަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ނިމޭއިރު އެކަމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަލީ ވަހީދު އެފަދަ "ހުތުރު" ކަންތައްތަކެއް ކުރައްވާފައިވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ވިދާޅުވީ ފަހަރުގައި ކޮށްފައިވެސް އޮވެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެކަން ގަބޫލު ކުރައްވަން ދަތި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތްނުވެގެނެއް ނޫން މިއުޅެނީކީ އެމަނިކުފާނު ހުރީ 'ފްރޭމް' ކުރެވިފަައި ނޫން ކަމަކަށެއް. ބައެއް ފަހަރު އެހެންވެސް ހިތަށް އަރާ. އެހެން ނޫންނަމަ ކީއްވެހޭ ނުވާންވީ ކަންތައްތަކެއް ވެެގެން މިދަނީ. އިހައް ދުވަހު ސުޕްރީމް ކޯޓްގައި އޮތް މައްސަލައެއްގައި މި ދަނީ ޕާސްޕޯޓްގެ މައްސަލާގައި ދައުވާކުރިއިރު ވަރަށް ރިސްޕޮންސިބިލިޓީއެއް ނެތް ގޮތަކަށް އަޅުގަނޑުމެންނަށް ފެނުނީ ދެއްތޯ. ޑިޕޮލޮމެޓިކް ޕާސްޕޯޓް ކެންސަލްވެފައި އޮތް އެއްޗެއް ކެންސަލް ކުރަން މި ދައުވާ ކުރަނީ،"

ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ޔޫކޭގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށް މީގެ ދެ ތިން ދުވަސް ކުރީން ފެށިގެން އޭނާ ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް އިންޒާރު ދެއްވާ "ދައްކަވަން އުޅުއްވި ވާހަކަތައް ދައްކަވާނެ" ކަަމަށް ވިދާޅުވަމުންނެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް ވާހަކަ ދައްކަވާފައިވާއިރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތައް އައުމުގެ ކުރީން އައީ ގާސިމްގެ އަނބިކަނބަލުންނާއި އަލީ ވަހީދާއި ގުޅޭ ވާހަކަތަކެކެވެ. މިނިސްޓަރު ނަހުލާއަށް އިޝާރާތް ކުރައްވާ ވަރަށް ހުތުރުކޮށް އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯތަކެއް އޭރު އާންމުވިއެވެ. ނަމަވެސް އެ އޯޑިއޯތަކާއި ގުޅިގެންވެސް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީން ފަސްޖެހުނެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލަން ކޯޓަށް ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ. މިއީ މި ފަހުން ސިޔާސީ ބޭފުޅެއްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ.