ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އަލީ ވަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައި ވަނީ ރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ގާސިމް އިބްރާހީމްވެސް ބައިވެރިވަޑައިގެންފައި ވެއެވެ.
ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ޖޭޕީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށަން ވެސް ނިންމާފައިވާ ކަމަށެވެ. ޖޭޕީގެ ބައެއް ހަރަކާތްތަކަށް މަޑުޖެހުމެއް އައީ ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
އަލީ ސޯލިހް ވިދާޅުވީ އަލީ ވަހީދަކީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އޮތް ބޭފުޅަކަށް ވާތީ އެފަދަ ބޭފުޅަކު ޕާޓީގެ އިސް މަގާމެއްގައި ހުންނެވުމުގެ ކަންބޮޑުވުން ކައުންސިލްގެ މެމްބަރުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ޕާޓީގެ ރިޔާސަތުން، އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅުއްވީ ކަމަށެވެ. ޖޭޕީގެ ހިންގާ ގަވާއިދާ އެއްގޮތަށް މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ޖޭޕީއަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޮތީ އަމަރުކޮށްފަ އެވެ. ނަަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް އިއްޔެ ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޖަލު ހުކުމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ކޯޓުގެ ހުކުމް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ރިމާންޑްގައި ނެތް ފަރާތްތަކަށް ޖަލު ހުކުމެއް ކޮށްފި ނަމަ އެފަރާތެއް ގެނެސް ދިނުމަށް އެދުމަކީ އާންމުކޮށް އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އެދޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.