ޖުމްހޫރީ ޕާޓީ

އިސްތިއުފާ ނުދެއްވި، އިތުބާރު ނެތްކަމުގެ ވޯޓް ނަގަނީ

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އެންގެވި ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިނުވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށައަޅަން ނިންމައިފި އެވެ.

އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް އަންގަވާފައެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުން ބުރާސްފަތި ދުވަހު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. ހަމަ އެދުވަހު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް ވަނީ އަންގާފައެވެ.

ނަމަވެސް އެ އެންގުމަށް ދެ ދުވަސްވީއިރުވެސް މަގާމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ.

އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކި ކުރުމަށް އެ ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ހުށައެޅުމުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އިސްލާހު ކުރުމަށްފަހު ހުށައެޅުމަށް ވަނީ އަންގާފައެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު މިރޭ ވިދާޅުވީ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް އެންގުމުން އެކަން ކުރަން ދެކޮޅު ހަދަމުންދާ ކަމަށެވެ. އެހެން ކަމުން މިރޭގެ ވަގުތެއްގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ކައުންސިލަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ޕާޓީގެ އެންމެ މަތީ މަޝްވަރާއާ ތާއީދުވެސް ލިބިގެން ކައުންސިލް މެންބަރުން ކުރަމުންދާ ކަމެއް ކަމަށް އެނގިފައިވެއެވެ.

މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފޯނު ގުޅުއްވައި އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެ މައްސަލައާ ގުޅިގެން ވެސް އަލީ ވަހީދު ޕާޓީގެ ރައީސްކަމުން ވަކިކުރަން ހުށަހެޅި އެވެ. ނަމަވެސް އޭރު އެ ޕާޓީއިން ފިޔަވަޅު ނޭޅީ ރައީސް ސޯލިހު، ފިޔަވަޅެއް ނާޅުއްވާތީ ކަމަށް ބުނެ އެވެ.