ފިރިކަލުން ގާސިމް އިބްރާހިމް އެކަމަނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
އައިޝާ މިހެން ވިދާޅުވާ އޯޑިއޯއެއް މިރޭ ބަޔަކު ވަނީ ލީކުކޮށްލާފަ އެވެ. އެއީ ކުރިން ލީކްވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުން އައިޝާ އާއި މިނިސްޓަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވާ އޯޑިއޯއެކެވެ. އާ އޯޑިއޯގައި ދެ ބޭފުޅުން ވެސް އެކަކު އަނެކަކަށް ތުހުމަތުތައް ކުރައްވަ އެވެ. އަދި ދެ ބޭފުޅުންގެ ފޯން ކޯލްތައް ލީކްވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަ އެވެ.
ކުރިން ލީކްކޮށްލާފައިވާ އޯޑިއޯއެއްގައި މިނިސްޓަރު އައިޝާއަށް ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދު ކުރައްވަ އެވެ. އެގޮތުން އެކަމަނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވާ އަޑު އިވެއެވެ. އަދި އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ފުރައްސާރަ ކުރާ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އިސްލާމް ދީނުގައި ހުއްދަ ނޫން ބައެއް ކަންކަން ކުރުމަށް ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނެފައި ވެއެވެ.
-- އޯޑިއޯގެ ގިނަ ވާހަކަތަކަކީ ވަރަށް ހުތުރު އަދި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ބީރައްޓެހި ވާހަކަތަކަކަށްވާތީ އެބައި ދޫކޮށްލީ އެވެ --
މިރޭ ލީކްކޮށްލި އޯޑިއޯގައި އަލީ ވަހީދުގެ އެ ވާހަަކަތަކާއި ގުޅިގެން އައިޝާ ކަންބޮޑުވެ ވަޑައިގެން އަދި ވަރަށް ނުުރުހުންވެ ވާހަކަފުޅު ދައްކަވާ އަޑުއިވެއެވެ.
އޯޑިއޯތަކާއި ގުޅިގެން ގާސިމް ގުޅުއްވުން
ލީކު ކުރަމުންދާ އޯޑިއޯތަކާ ގުޅިގެން ފިރިކަލުން ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް އާ އޯޑިއޯގައި އައިޝާ ވިދާޅުވެއެވެ. ނަމަވެސް އޭރު އިންނެވީ ވަރަށް ބުރަކޮށް ކަމަށްވާތީ ގާސިމްގެ އެ ފޯން ކޯލް ނުނަންގަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"... އަޅުގަނޑު ދެންނެވީ ގާސިމް ގުޅުއްވިއޭ، އަޅުގަނޑު އޭތި... އަނެއް... އައްޔަ... ގާސިމް ގުޅުއްވިއޭ... އަޅުގަނޑު އޭރު ބިޒީކޮށް އިނީމަ ފޯނެއް ނުނަގަން... އަޅުގަނޑުވެސް ގުޅާލާފައި ވާހަކަ ދައްކާލާނަމޭ..." ވިދާޅުވެވޭ ވާހަކަފުޅު ނޭނގޭ ގޮތަށް އައިޝާއަށް ވިދާޅުވެވެ އެވެ.
ގާސިމް ފުރިހަމަ އިތުބާރު އޮންނާނެ
މިރޭގެ އޯޑިއޯގައި އައިޝާ ވަނީ ފިރިކަލުން ގާސިމްގެ ފުރިހަމަ އިތުބާރު އެކަމަނާއަށް އޮންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މީހަކު ދައްކާހާ ވާހަކައެއް ގާސިމް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
"... ދެން އަޅުގަނޑަށް އެނގޭ، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ގާސިމް އިތުބާރު ކުރައްވާނެ އަޅުގަނޑަށް... އަޅުގަނޑު ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައްތައް. ދެން ބާއްވާނަން އަޅުގަނޑު! އެކަމަކު އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަދިވެސް އެބަހުރި، އެކަމަކު އަޅުގަނޑަކަށް ނޭނގޭ މި ފޯން ރެކޯޑް ކުރާނެ ކަމެއް ނުކުރާނެ ކަމެއް. އެހެންވީމަ އިތުރަކަށް ވާހަކައެއް ނުދައްކާނަން." އައިޝާ ވިދާޅުވެ އެވެ.
އޯޑިއޯ ކޮޅު ނިމޭއިރު ވެސް އަލީ ވަހީދު ގެންދަވަނީ އޭނާއަކީ މީހުންގެ ފޯންކޯލްތައް ރެކޯޑް ކުރާނެ މީހެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. ގިނަ އެހެން ވާހަކައެއް އޭނާ ނުދައްކަވަ އެވެ.
އޯޑިއޯތަކުގައި ދައްކާފައިވާ ވާހަކަތައް ބަަލައިދިނުމަށް ނަހުލާ ވަނީ ރަސްމީކޮށް ރައީސް އަރިހުގައި އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.