ޖުމްހޫރީ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ކައުންސިލްގައި ވޯޓް ނެގުމަށް ހުށައަޅައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ހުށައަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައިވަނީ އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށް ރައީސުލްޖުމުހޫރިއްޔާ އެންގެވުމާއި އަދި އެމަގާމުން އޭނާ އިސްތިއުފާދެއްވާފައި ވުމުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ހުށައަޅާ ކަމަށެވެ.
މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހްލާގީ މިންގަޑުންބޭރުވެ ބޭއަދަބީބަސްތައް ބޭނުންކޮށް ފުރައްސަރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލައަށް ފިޔަވަޅު ނޭޅި އުޅެނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ކަމަށެވެ. އަދި އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވާ އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބޫރުވުމަކީވެސް އެ މައްސަލަ ހުށައަޅާ ސަބަބެއް ކަމަށެވެ.
މި މައްސަލާގައި ބުނެގައިވަނީ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ ބެހެއްޓުމަކީ ޕާޓީގެ މައިގަޑު މަގްސަދާއި ހިލާފުވެ އެޕާޓީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
"އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ޖޭޕީގެ ކައުންސިލަށް މިމައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ހުށަހަޅަން،" މި ސަރުކާރުގެ އިސް މަގާމެއްގައިވެސް ހުންނެވި ޖޭޕީގެ ކައުންސިލް މެންބަރަކު ހުށައެޅި މައްސަލާގައި ބުނެފައިވެއެވެ.