ދުނިޔެ

އައިއެމްއެފްއިން ލުބްނާންއަށް 1.13 ބިލިއަން ޑޮލަރު

އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ލުބްނާނަށް 1.13 ބިލިއަން ޑޮލަރު ދޭނެ ކަމަށް ލުބްނާންގެ ފައިނޭންސް މިނިސްޓަރު ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 16 ގައި ފައިސާ އަތުޖެހޭވަަރު ވާނެ ކަމަށެވެ.

އައިއެމްއެފް އިން ލުބްނާނަށް މާލީ އެހީތެރިކަށް ފޯރުކޮށް ދެނީ އެ އިދާރާއަށް ލިބިގެންވާ ހާއްސަ އިޚްތިޔާރަކުންނެވެ. އެއީ މެމްބަރު ގައުމުތަކަށް ދިމާވާ މާލީ ނުތަނަވަސް ކަމުން އަރައިގަތުމަށް ކަނޑައަޅާފައި އޮންނަ ރިޒާވް އެކައުންޓަކުން ދޫކުރެވޭ ފައިސާއެކެވެ.

ލުބްނާންގައި ދާހިލީ ހަމަނުޖެހުން ބޮޑުވެ ސަރުކާރެއް އެކުލަވައި ނުލެވި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނި ވެފަ އެވެ. ތަކެތިގެ އަގު ބޮޑުވުމާއި ހާއްސަކޮށް ތެލުގެ އަގު އާންމުންނަށް ކެތް ނުކުރެވޭ ވަރަށް ވަނީ އުފުލިފަ އެވެ.

އައިއެމްއެފް މެމްބަރު ގައުމުތަކަށް ރިޒާވުން ދޫކުރާ ފައިސާ ބޭނުންކުރާ ގޮތް އެއިދާރާއަށް ރިޕޯޓްކުރަން ޖެހެ އެވެ. މިގޮތަށް ދޫކުރާ ފައިސާ އާންމު ގޮތެއްގައި ބޭނުން ކުރަން ލާޒިމް ކުރަނީ ފައިސާގެ ދަތިކަން ފިލުވައި އާންމު ހާލަތު ހަމައަކަށް އެޅުވުމަށެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކުރިން ބުނެފައި އޮތް ގޮތުން ލުބްނާންގައި ސަރުކާރެއް އެކުލަވާލެވިގެން ނޫނީ އެހިއާ ގުޅޭ މަޝްވަރާތައް ނުކުރެވޭނެ އެވެ. ސަރުކާރެއް އެކުލަވާނުލެވި 13 މަސްދުވަސް ފާއިތުވެ ދިއުމަށް ފަހު ބޮޑުވަޒީރު ނަޖީމު މިގާތީ މިހާރު ވަނީ ސަރުކާރެއް އެކުލަވާލައްވާފަ އެވެ.