އިގުތިސޯދީ ގޮތުން ގައުމު ހިންގައި ގަނެވޭހާ ބާރު ގެއްލިފައި އޮތް ލުބްނާނަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ހަތަރު ބިލިއަން ޑޮލަރުގެ ލޯނެއް ލިބިދާނެ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓަރު، އަމީން ސަލާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އައިއެމްއެފާއެކު ފުރަތަމަ ބުރުގެ މަޝްވަރާތައް ވަނީ ނިމިފަ އެވެ. އޭނާ އަދި ވިދާޅުވީ މި ހަފުތާގެ ހޯމަ ދުވަހު އިތުރު މަޝްވަރާތައް އޮންނާނެ ކަމަށާއި ލިބެން އޮތް ފުރުސަތު ބޮޑު ކަމަށެވެ.
އަމީން ސަލާމް ނޫސްތަކަށް ވިދާޅުވި ގޮތުގައި ލުބްނާނުން އައިއެމްއެފަށް ހުށާހަޅަނީ އިގުތިސޯދީ ގޮތުން ލުބްނާނަށް ބަދަލުތަކެއް ގެންނާނެ އެޖެންޑާ އެކެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާއިން ލޯނު ހޯދައިގެން ގައުމު އޮތް ވަޅުގަނޑުން ނެގޭނެ ނިޒާމެއް އައިއެމްއެފްގައި ފައިލް ކުރަން ޖެހޭ ކަމަށެވެ.
ލުބްނާންގައި ސަރުކާރެއް އެކުލަވާނުލެވި ދިގު ދެމިންގެން ދިއުމާއެކު މާލީ އިދާރާތަކުން މަޝްވަރާތައް ވަނީ ދޫކޮށްލާފަ އެވެ. ލުބްނާންގައި އެކި ފަހަރު މަތިން ސަރުކާރެއް އެކުލަވާން ކުރި މަސައްކަތް ކޮންމެވެސް ސަބަބަކާ ހެދި ވަނީ ފޭލިވެފަ އެވެ.
އެހެން ނަމަވެސް ނަޖީބު މިގާތި ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން ފާއިތުވި މަދު ދުވަސްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ އިދާރާތަކުން މަޝްވަރާތައް އަލުން ފަށަން އެއްބަސްވީ އެވެ.
އަމީން ސަލާމް ވިދާޅުވީ މަޝްވަރާތައް އޮންނާނީ އޮންލައިންކޮށް ކަމަށާއި ކޮވިޑް ބަލިމަޑުކަމާ ހެދި އެއްމޭޒު ދޮށަށް ޖަމާވުން އޮފިޝަލުން އުޒުރުވެރިވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުން މަޝްވަރާގެ ފުރަތަމަ ފިޔަވަހީގައި ލުބްނާނުން ދަރަނި އަދާ ކުރާން ކަނޑައަޅާ ގޮތް ސާފު ކޮށްދޭނެ އެވެ. އަދި މަޝްރޫއުތައް ފެށުމާއި މިއަހަރަށް ބޭނުންވާ ބަޖެޓަށް ބައިއެޅުން ވެސް އޮންނާނެ އެވެ. ބަޖެޓްގެ ބޮޑުބައި މިހާރު ވެސް ހާއްސަ ކޮށްފައި އޮތީ އިގުތިސޯދު އަލުން ބިނާ ކުރުމަށެވެ.