ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ސެކިއުރިޓީ އަނެއްކާވެސް ވަރުގަދަކުރަނީ

މަޖިލީހުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ނިންމައިފި އެވެ.

"ހައެއް ފަހެއް" ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ވެސް މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރި އެވެ.

މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވީ މަޖިލީހިގެ ސެކިއުރިޓީ އެސެސްމަންޓް އެމްއެންޑީއެފްއިން ހެދުމަށް ފަހު ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރަން ކުރަން އެމްއެންޑީއެފްއަށް ފާހަގަ ކުރެވުނު ކަންކަމުގެ ތަފުސީލު ހިމެނޭ ސިޓީއެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަަން ކުރަން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަން ވެސް ހުށަހެޅި ކަމަށެވެ.

"މި އެސެސްމަންޓްކޮށް ރައްޔިތުންގެ މަޖިލީހުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އަދި އިތުރަށް އަޅުގަނޑުމެން މަޝްވަރާ ކުރަން ޖެހޭ ކަމެއް ވެއްޖިއްޔާ މަޝްވަަރާ ކުރުމަށްޓަކައި އަޅުގަނޑު އާންމު ކޮމިޓީއަށް މި ސިޓީ ފޮނުވައިފިން" އީވާ މިއަދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ، ސިފައިން ބެލެހެއްޓި ނަމަވެސް މަޖިލީހުގެ ޗެމްބަރަށް ސިފައިންނަށް ވަދެވެނީ މަޖިލީހުގެ ރައީސްގެ ހާއްސަ ހުއްދައެއް ލިބިގެނެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު ޗެމްބަރުގެ ސެކިއުރިޓީ ބަލަހައްޓަވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އެތަނުގެ މުވައްޒަފުންނާއި އާންމުންނަށް މިހާރު ވެސް ވަދެވެނީ އެ އިމާރާތުގައި ބަހައްޓާފައި ހުންނަ ޑިޓެކްޓިވް މެޓަލް ގޭޓަކުން އެ މީހަކު ސްކްރީން ކުރުމަށްފަހު އެވެ.