ބޭރު ކުޅިވަރު

ފީފާގެ ރަައީސްކަމަށް ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ ޖިނޮލާ ކުރިމަތިލަނީ

ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަަށް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ޖިނޮލާ ބުނެފި އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޖިނޮލާ ،47، ފީފާގެ ރައީސް ކަމަށް ކުރިމަތިލުމަށް ބެޓިން ކުންފުންޏަކުން އޭނާ އަށް 250،000 ޕައުންޑް ދިނެވެ. ޖިނޮލާ ފީފާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނި ނަމަވެސް، އޭނާ އަށް އެ ފުރުސަތު ލިބޭނެކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ފީފާގެ ރައީސް ކަމަށް ކުރިމަތިލެވޭނީ ފީފާގެ މެމްބަރު އެސޯސިއޭޝަންތަކުގެ ތެރެއިން، މަދުވެގެން ފަސް އެސޯސިއޭޝަންގެ ތާއީދު ލިބިގެނެވެ. އަދި ފީފާގެ ރައީސް ކަމަށް ކުރިމަތިލާ މީހަކީ ފާއިތުވި ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހަކަށް ވާންޖެހެ އެވެ.

"ފުޓްބޯޅަ މި އޮތީ ބަދަލަކަށް ބޭނުންވެފައި. އެކަމަކު އަހަރެން އެކަނި މިކަމެއް ނުކުރެވޭނެ،" ޖިނޮލާ އާންމުކުރި ވީޑިއޯ މެސެޖެއްގައި އޭނާ ބުނެފައިވެ އެވެ. "އަހަރެން ތި ހުރިހާ ފަރާތެއްގެ ތާއީދު ބޭނުން. އަހަންނާއެކު މި ކަމަށް ކުރިމަތިލައި، މި ބަދަލަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން އަހަރެން އެދެން."

ޖިނޮލާގެ ތަރުޖަމާނެއް ބުނީ ޔުއޭފާ އާއި ފީފާގެ ފަސް މެމްބަރު އެސޯސިއޭޝަންގެ ތާއީދު ހޯދަން ޖިނޮލާ މަސައްކަތްކުރާނެ ކަމަށެވެ.

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޖިނޮލާ ބުނީ ފީފާގެ އެއްވެސް މެމްބަރު އެސޯސިއޭޝަންގެ ތާއީދެއް އަދި ނުލިބޭ ކަމަށެވެ. އަދި ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ މެމްބަރެއްގެ ނަން ބުނުމަށް ނޫސްވެރިން އެދުމުން ޖިނޮލާ އަށް އެންމެ ނަމެއް ވެސް ނުބުނެވުނެެވެ.

ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަަމަވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

ފީފާގެ ނައިބު ރައީސް ޖޯޑަންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން އާއި ފީފާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ފްރާންސްގެ ޖެރޯމް ޝެމްޕޭން ވަނީ ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާނެ އެވެ.

ފީފާގެ ރައީސްކަމުގެ މަގާމު 1998 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވާ ޖޯސެޕް ބްލެޓާ ވެސް ވަނީ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. -- ބީބީސީ