ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމްއާރްއެމްގެ ޒައީމްގެ މަގާމަށް މައުމޫން ކުރިމަތިލައްވައިފި

Sep 15, 2021
5

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން -- ކޮންގްރެސް --ގެ ޒައީމްގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފި އެވެ.

ޖުމްލަ 12 މަގާމަކަށް އެމްއާރްއެމް އިން ވަނީ ހުޅުވާލާފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ "އެމްއާރްއެމްގެ ޒައީމް"ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް މަގާމެއް އުފައްދަވާ ކުރިމަތިލައްވަން ހުޅުވާލާފައި އޮތުމެވެ. އެ މަގާމަށް މައުމޫން ކުރިމަތިލެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އޭގެ އިތުރުން ޕާޓީގެ ރަައީސް ކަމާއި ނާއިބު ރައީސް ކަމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު އިންތިހާބު ކުރާނެ އެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މާދަމާގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ. ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައި ނުވުމެވެ.