ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
އެލާޓް ނެރެފައިވަނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ. މެޓް އޮފީހުން ދެންމެ ބުނީ މި ވަގުތުތަކުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހަށް ވެސް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރު ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުން މޫސުމުގެ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.