ދުނިޔެ

އަފްޣާންގައި އެމްބަސީ ހުޅުވާކަށް އަދި ނޫޅެން: ޖަރުމަން

އަފްޣާނިސްތާނުގައި ހުރި ޖަރުމަނު އެމްބަސީ އަލުން ހުޅުވަން އަދި ޕްލޭން ނުކުރާ ކަމަށް ބާލިންއިން ބުނެފި އެވެ. ބާލިންއިން މިހެން ބުނީ ތާލިބާނުންގެ ސީނިއާ ލީޑަރު އަނަސް ހައްގާނީ ގަތަރުގެ އަލްޖަޒީރާ ޓިވީއަށް ދިން އިންޓަވިއުއެއްގައި އަފްޣާންގައި އެންމެ ފުރަތަމަ އެމްބަސީއެއް ހުޅުވާނީ ޖަރުމަނުން ކަމަށް ބުނުމުންނެވެ.

ޖަރުމަން ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ އަޑިބާ ވިދާޅުވީ ކާބުލްގައި އެމްބަސީ ހުޅުވަން އަދި އެޖެންޑާ ކޮށްފައި ނެތް ނަމަވެސް އެއީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްބަސީ ހުޅުވުމާ މެދު ވިސްނަމުން ގެންދާ ކަމަށެވެ.

އަފްޣާންގައި ހުންނަ ޖަރުމަނު އެމްބަސީ ބާލިންއިން ބަންދުކުރީ އަފްޣާންގައި ތާލިބާނުން ބާރު ގަދަކޮށް އޮގަސްޓް 15 ގައި ރިޔާސީ ގަނޑުވަރު ހިފުމާ ގުޅިގެންނެވެ. ޖަރުމަނުން އަފްޣާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިވަގުތު މަޑުކޮށްލައްވައިގެން ހުންނެވީ ގަތަރުގަ އެވެ.

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ދެކެވަޑައިގަންނަވާ ގޮތުން ތާލިބާނުންނާ ގުޅުން ގާތް ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަނާ ވިދާޅުވީ އަފްޣާންގައި ކަމެއް ކުރެވެން އޮތީ ތާލިބާނުނާ ވާހަކަ ދައްކައިގެން ކަމަށާއި އެކަން ނުކުރަން ދެއްކޭނެ އުޒުރެއް ނެތް ކަމަށެވެ.

ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް ގެންގުޅެނީ އެމެރިކާއަށް ވުރެ ލުއި ގޮތެކެވެ. ޔޫރަޕުން ދެކޭ ގޮތުން ތާލިބާނުންގެ ވެރިކަމެއްގައި ތާލިބާނުންނާ މުއާމަލާތް ނުކޮށް ތިބުމަކީ މޮޔަ ކަމެކެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު، ހޭކޯ މާސް ދެކެވަޑައިގަންނަވާ ގޮތުގައި އަފްޣާންގައި އެމްބަސީ ނުހުޅުވެންވީ ސަބަބެއް ނެތެވެ. އެހެން ނަމަވެސް އެމްބަސީއަށް އެކަށީގެންވާ ރައްކާތެރިކަށް ތާލިބާނުން ކަށަވަރު ކޮށްދޭ ނަމަ މާދާމާ ވެސް ހުޅުވަންވީ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ތާލިބާނުން އަފްޣާނަށް ވެރިވެގަތުމުން ޖަރުމަނުން އެންމެ ބޮޑު އިސްކަމެއް ދިނީ އަފްޣާންގައި ޖަރުމަން ސިފައިން ތިބިއިރު އެހީތެރިވި އަފްޣާން ރައްޔިތުން ހިމާޔަތް ކުރުމަށެވެ. އެމީހުން ރައްކާތެރި ތަންތަނަށް އުފުލަން ޖަރުމަނުން ބުރަ މަސައްކަތްތަކެއް ކުރި އެވެ.

ޖަރުމަނުން ދިން އެހީތެރިކަމުގައި އެ ގައުމަށް 4،559 އަފްޣާން ރައްޔިތުން ގޮސްފައިވާ ކަމަށް ޖަރުމަނުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.