މާލީގައި ހުންނަ އދ. ގެ ސުލްހަ ބަލަހައްޓާ މަރުކަޒަށް ރޮކެޓު ހަމަލާތަކެއްދީފިއެވެ. އދ. އިން ބުނީ މި ހަމަލާގައި ހަތަރެއް ނުވަތަ ފަސް ރޮކެޓު އެ އިމާރާތަށް އަމާޒުވި ކަމަށާއި އެތައް ބަޔަކު މި ހަމަލާގައި ޒަހަމްވެފައިވާ ކަމަށެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ދިން މި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި ޔަގީނެއް ނުކުރެވެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.
ކުރިން ފްރާންސް އިސްތިރުމާރުގެ ދަށުގައި އޮތް މާލީގައި ސުލްހަ ގާއިމް ކުރުމަށް އދ. އާއި ފްރާންސް ގުޅިގެން ކުރަމުންދާ މަސައްކަތަށް ވަނީ ގޮންޖެހުންތައް ކުރިމަތި ވެފައެވެ. މިގޮތުން، މިމަހު 20 ވަނަ ދުވަހު އެގައުމުގެ ހޮޓަލަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 20 މީހުން މަރުވިއެވެ. އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ އަލްގައިދާ އާއި އެ ގައުމުގައި އަލްގައިދާއާ ގުޅިގެން ހަނގުރާމަކުރާ އިތުރު ދެ ޖަމާއަތަކުންނެވެ.
އަލްގައިދާއިން ވަނީ 2012 ވަނަ އަހަރު މާލީގެ އުތުރުން ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މި ސަރަހައްދުތަކުން އެ ޖަމާއަތް ފައްސާލީ ފްރާންސްގެ އަސްކަރިއްޔާއިން ހިނގި އޮޕަރޭޝަން ތަކެއްގައެވެ. އެކަމަކު އަދިވެސް މި ސަރަހައްދުތަކުގައި ހަނގުރާމަވެރިން އެކިވަރުގެ ހަމަލާތައް ދެއެވެ. ހުޅަނގު އެފްރިކާގެ އެހެން ގައުމު ތަކުގައި ވެސް މާލީ އެކޭ އެއްގޮތަށް ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ދަނީ އިތުރު ވަމުންނެވެ. މިގޮތުން އެންމެ ނުރައްކާތެރި ޖަމާއަތުގެ ގޮތުގައި މި ސަރަހައްދުން ފާހަގަ ކުރެވެނީ ބޯކޯ ހަރާމް އެވެ. -- ރޮއިޓާރސް