ޔޫއެން

މުޒާހަރާތަކުގައި ޔޫއެންގެ ލޯގޯ ބޭނުން ނުކުރަން އަންގައިފި

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މުޒާހަރާތަކުގައި ޔޫއެންގެ ލޯގޯ ބޭނުން ނުކުރުމަށް ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ އޮފީހުން މިއަދު އަންގައިފި އެވެ.

ޔޫއެން އިން މިހެން އަންގައިފާވަނީ އެމްޑީޕީ އިން ތިން ދުވަހުގެ މުއްދަތައް އާޓިފިޝަލް ބީޗުގައި ދާދިފަހުން ބޭއްވި "މިންޖުވާން" މުޒާހަރާގައި ޔޫއެންގެ ލޯގޯ ބޭނުންކޮށްފައިވާތީ އެވެ. ޔޫއެން އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދާދިފަހުން ބޭއްވި މުޒާހަރާގައި އެ ޖަމާއަތުގެ ލޯގޯ ބޭނުންކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެ ލޯގޯ ބޭނުން ނުކުރުމަށް ޕާޓީ ތަކުގެ ކިބައިން އެދޭ ކަމަށް ވެސް ޔޫއެން އިން ބުންޏެވެ.

ޔޫއެން އިން ބުނީ އެޖަމާއަތުގެ މައިގަނޑު އަސާސަކީ ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއެކު މަސައްކަތް ކުރުން ކަމަށާއި އެ ޖަމާއަތުން އެ އުސޫލު ހިފަހައްޓަމުން އަންނަ ކަމަށެވެ. މީގެ ފަހުން ޔޫއެންގެ ލޯގޯ އެއްވެސް މުޒާހަރާއެއްގައި ބޭނުން ނުކުރުމަށް ރާޢްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ވެސް ޔޫއެން އިން ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ޔޫއެންގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ ގުޅިގެން ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހިންގާ ހަރަކާތްތަކުގައި އެ ޖަމާއަތުގެ ލޯގޯ އެމްޑީޕީ އަންނަނީ ބޭނުން ކުރަމުންނެވެ.