އަބްދުﷲ ޝާހިދު

އިތުރު މަގާމަކަށް އަދި ޝައުގުވެރިކަމެއް ނެތް: ޝާހިދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ މަގާމުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ. އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނެ ތާރީހެއް ކަނޑައަޅާނެ އެވެ.

ވަރަށް ވާދަވެރި ވާނެ ކަމަށް ބެލެވޭ ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީގެ މުހިންމު ބޭބޭފުޅުންގެ ނަންތައް ދަނީ އިއުލާނުވަމުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާ ކަަމަށްވެސް އަޑުފެތުރުނެވެ.

ނަމަވެސް ޝާހިދު ވަނީ އެކަން ދޮގު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިތުރު މަގާމަކަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅެއް މިވަގުތު ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ މަގާމަށް މި ސަރުކާރުގެ ބާރުގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރިމަތިލައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަމްރު ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ. އޭނާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެ އެވެ.