ފިއްލަދޫ

ދައްޕަރު ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފި

Sep 21, 2021

ހއ. ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކުރުމާ ގުޅިގެން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ރަށުގެ ރައްޔިތުންނާއި ފިއްލަދޫ ކައުންސިލް ގުޅިގެން ތައްޔާރުކުރި ޕެޓިޝަން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފިއްލަދޫގައި އާބާދީގައި ހިމެނޭ 1،130 މީހުންގެ ތެރެއިން 467 މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ. ޕެޓިޝަނާ ހަވާލުވެވަޑައިގަތުމަށްފަހު އީވާ ވަނީ ރިޔާސަތުން ފޮނުވާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅުއްވާފަ އެވެ.

ޕެޓިޝަން ހުށަހެޅުމަށް މަޖިލީހަށް ދިޔަ ފިއްލަދޫ ރައްޔިތުން ތަމްސީލް ކުރާ ޓީމުގެ ބޭފުޅުންނާ ބައްދަލުކުރައްވާ އީވާ ވަނީ ދިއްޕަރު އަލުން ފިއްލަދޫގެ އިހްތިސާސްގެ ތެރެއަށް ގެންގޮސްދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ފިއްލަދޫގެ އިހްތިސާސްގައި ދިއްޕަރު އޮއްވާ، އެރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ދިއްޕަރު ވަކިކޮށްލުމުން އީވާ ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދިއްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުން އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ފިއްލަދޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް އޭނާ އަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ވަނީ ދެއްވާފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވި ފިއްލަދޫގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ވަހީދު ވިދާޅުވީ ޕެޓިޝަން ހުށަހެޅުމާ އެކު މަޖިލީހުގެ މެންބަރުންގެ ފަރާތުން އިވިވަޑައިގެންނެވި ވާހަކަފުޅުތަކާއި ގުޅިގެން ދިއްޕަރު އަލުން ފިއްލަދޫ ރައްޔިތުންނަށް ލިބޭނެ ކަމަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ. އަދި ފިއްލަދޫ ރައްޔިތުންގެ އަޑު ސަރުކާރުން އަހާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ ޕެޓިޝަންގައި ބުނެފައިވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫ ރައްޔިތުންނަށް ނުހަނު ގިނަ ފައިދާތަކެއް ކުރަމުންދާ އަދި ފިއްލަދޫ ރަށު އޮފީހުން އެތައް ގޮތަކުން އާމްދަނީ ހޯދަމުން އައިސްފައިވާ ފިއްލަދޫއާ ގުޅިފައިވާ އެ ރަށުގެ ބައެއް ކަމަށެވެ. އަދި ދައްޕަރު އެއީ ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅުމަށް ފަހު ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ނެތި ކުރީގެ ނިންމުމަށް ބަދަލު ގެނެސް އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަށް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުން މުރާޖައާކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނައި ދިނުމަށް ވެސް އެދިފައިވެ އެވެ.

ދެހާސް ދިހަވަނަ އަހަރު ދައްޕަރަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރި އެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން މާޗް 18، 2020 ގައި ރައީސް އިބްރާހިމް ސޯލިހު ވަނީ ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމަނުއްވާފަ އެވެ.

ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ. އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ދިއްޕަރު ކައުންސިލާއި ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން ރައީސް އޮފީހުން ފަހުން ބުނެފައިވަނީ ފިއްލަދޫ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރި ނަމަވެސް ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ‏ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިއްލަދޫ ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ.