ރިޔާސީ އިންތިހާބު 2023

ތަފާތު ހިޔާލުތަކާ އެކީގައި ކުރިއަށްދާން ދަސްކުރަންޖެހޭ: ރައީސް

ރާއްޖޭގެ ތަރައްގީއަށްޓަކައި ތަފާތު ހިޔާލުތަކާއި ތަފާތު ވިސްނުމުގެ މީހުންނާއިއެކު މަސައްކަތްކުރަން ދަސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. ފިއްލަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިއަދަކީ އެކި ކަންކަމުގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށެވެ. އަދި ތަފާތު ހިޔާލުތައް އެއްތަންކޮށް މުޅި ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކން ނިންމަން ޖެހޭ ކަމުގައިވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކުރަންވާނީ ގައުމީ މަސްލަހަތު. މުޅި ރާއްޖޭގެ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިނގަމުން މިދާ ފަސް އަހަރު ވެރިކަން ކުރެއްވީ ތަފާތު ހިޔާލުގެ ބޭފުޅުންނާ އެކު ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި "ޖަޒީރާ ރާއްޖެ"ގެ ނަމުގައި މެނިފެސްޓޯއެއް އެކުލަވާލާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވީ ވެސް ގައުމު އިސްކުރައްވައިގެން ކަމުގައި ވިދާޅުވި އެވެ. ހުރިހާ އެންމެންގެ ހިޔާލުތައް ބަލައި އޮޅުންފިލުވުމަށްފަހު ގައުމުގެ ތަރައްގީއާއި މަސްލަހަތައްޓަކައި އެންމެ ރަނގަޅު ގޮތަށް ކަންކަން ނިންމަވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން 90 ޕަސަންޓް މަސައްކަތް ވަނީ ނިމި އަދި ބައެއް ކަންކަން ވަނީ ކުރަން ފެށިފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް "ފޯކަސް" ކުރައްވާ ރަނގަޅަށް ވިސްނުމަށްފަހު ރާއްޖޭގެ މަސްލަހަތައްޓަކައި ވޯޓު ލާން ޖެހޭ ކަމަށެވެ. ރަނގަޅަށް ވިސްނައިގެން ވޯޓުލައިފިނަމަ މުޅި ރާއްޖެއަށާއި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ހިތްހަމަނުޖެހޭ ކަމެއް އޮތުމުން އޭގެ ޖަޒުބާތުގައި ވޯޓަށް އަސަރުކުރާނެ ކަމެއް ނުކުރުން އެއީ އަޅުގަނޑުގެ މިއަދުގެ އިލްތިމާސް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ލޯކަލް ޓުރިޒަމްގެ އިތުރު ވިޔަފާރިތައް ބޮޑު ތިލަދުންމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށެވެ. ލޯކަލް ޓޫރިޒަމު ތަރައްގީކުރެއްވުމަށް އަމާޒުކުރައްވައިގެން މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށާއި މިދިޔަ ތިން އަހަރުގެ ތެރޭގައި 284 ފަރާތަކަށް 523 މިލިއަން ރުފިޔާގެ ސޮފްޓު ލޯން ގެސްޓު ހައުސް އެޅުމަށް ނަގާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ބޭނުންވަނީ މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ވަޒީފާތައް އުފައްދާ މުޅި އިގުތިސޯދަށް އޭގެ ފައިދާ ވުން. އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ 2028 ވަނަ އަހަރު އަންނަ އިރުގައި ރާއްޖޭގެ ޖީޑީޕީ ދެގުނަ ވެގެން ދާނެޔޭ،" ރައީސް ވިދާޅުވި އެވެ.