ދުނިޔެ

އިންޑިއާގެ މަންހަޖުގައި ސައިން ލޭންގްއޭޖް ހިމަނަނީ

ދުނިޔޭގައި ގިނަ ގައުމުތަކުގައި ޒަމާނީ ތަރައްގީއާ އެކުވެސް އިވުމުގެ ހިއްސު އުނި ކުދިންނަށް އެކަށިގެންވާ ގޮތުގައި އަޅާލެވޭ ތަނެއް ނުފެނެ އެވެ. ސްކޫލްތަކުގައި އުނގަނައި ދިނުމުގައި ވެސް ފެންނަން އޮތީ މިތަނެވެ.

އިންޑިއާއިން ސްކޫލް މަންހަޖުގައި ސައިން ލޭންގްއޭޖް ހިމަނަން ނިންމި ނިންމުން ދުނިޔެ ބަލައިގެންފި އެވެ. އިވުމުގެ ހިއްސު އުނި ކުދިންނަށް މިހާ ބޮޑަށް އަޅާލައި ތައުލީމީ ދާއިރާއަށް ޚާއްސަ ސިޔާސަތެއް ކަނޑައެޅުމަކީ ތަޖުރިބާރުން ވިދާޅުވާ ގޮތުގައި އިންޑިއާއަށް ތައުރީފް ހައްގު ކަމެކެވެ. އަދި ވަކިން އިންޑިއާ ކަހަލަ އާބާދީ ބޮޑު ގައުމެއްގައި ސަރުކާރުން ހިތްވަރު ދިނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް ވެސް ބުނެވެ އެވެ.

އިންޑިއާގައި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަސާސީ ތައުލީމު އުނގެނުމުގެ ފުރުސަތު ލިބެނީ އިވުން ގެއްލިފައި ތިބި ކުދިންގެ ތެރެއިން ފަސް ޕަސެންޓަށެވެ. އެހެން ނަމަވެސް ސްކޫލް މަންހަޖުގައި ސައިން ލޭންގްއޭޖް ހިމަނަން ސަރުކާރުން ސިޔާސަތު ކަނޑައެޅުމުން އުނގެނުމުގެ ފުރުސަތު ލިބޭ ކުދިން އިތުރު ވެގެން ދާނެ ކަމަށް ތަރުޖިބާކާރުން ވިދާޅުވެ އެވެ.

އިންޑިއާގައި 2011 ގެ ބޯހިމެނުމުން ދައްކާ ގޮތުން އަޑުއިވުން ގެއްލިފައި 5.07 މިލިއަން މީހުން އެގައުމުގައި ތިއްބެވެ. އޭގެ ތެރެއިން ރަނގަޅަށް ކިޔަވަން ފުރުސަތު ލިބެނީ ކިރިޔާ އެއް ޕަސެންޓަށެވެ.

ސްކޫލްތަކަށް ސައިން ލޭންގްއޭޖް ތައާރުފު ކުރުމުން އުނގެނުން ފަސޭހަ ކޮށްދިނުމަށް ޓަކައި އެ ކުދިންނަށް ހާއްސަ އުފެއްދުންތައް ސަރުކާރުން އުފައްދާނެ ކަމަށް އޮތީ ބުނެފަ އެވެ. އޭގެ ގެރޭގައި ޑިކްޝަނަރީއާ އަދި އެފަދަ ސްޓަޑީ މެޓީރިއަލް ހިމެނެ އެވެ.