ބޮލީވުޑް

ކަޕޫރު އާއިލާއިން ޔުނިވަސިޓީ އަކުން ކިޔެވީ ހަމައެކަނި ކަރީނާ!

ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އެއް އާއިލާއަކީ ކަޕޫރު އާއިލާ އެވެ. މި އާއިލާގެ ހަތަރު ޖަނަރޭޝަނެއްގެ އެކްޓަރުން ބޮލިވުޑްގައި މިހާތަނަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މި މީހުންގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ތައުލީމު ހާސިލު ކޮށްފައިވާ އެކްޓަރުން ވަރަށް މަދެވެ.

ކަރީނާ ކަޕޫރު ނޫނިއްޔާ ޔުނިވާސިޓީއެއްގެ ދޮރުން އެތެރެއަށް ވެސް ވަދެވުނު އެކްޓަރަކު މި އާއިލާގައި ހުރި ކަމަކަށް ނުވެ އެވެ. މިކަން ހާމަކުރީ ސިމީ ގަރެވާލް ޓޯކް ޝޯގައި ވާހަކަ ދައްކަމުން ކަރީނާ އެވެ.

ކަރީނާ ބުނި ގޮތުގައި އޭނާގެ ޓީންއޭޖް ދުވަސްވަރު ކޮމްޕިއުޓަ ސްޓަޑީޒް ކިޔަވަން ހާވާޑް ޔުނިވަސިޓީއަށް ދާން ތައްޔާރުވިއިރު ކަޕޫރު އާއިލާގެ ހުރިހާ އެންމެން އެކަމާ ވަރަށް އުފާކޮށް މަޖާ ކުރި އެވެ.

"އަހަރެން ބޭރު ގައުމަކަށް ކިޔަވަން ދާތީ ކަޕޫރު އާއިލާގެ އެންމެން ވެސް ވަރަށް އުފާވި. ޚާއްސަކޮށް 'ސިކުނޑިއެއް ނެތް' މި އާއިލާގެ އަންހެންކުއްޖަކު ހާވާޑް ޔުނިވަސިޓީ އަށް ކިޔަވަންދާތީ ވަކިން ބޮޑަށް އެންމެން އުފާވި،" ކަރީނާ ބުންޏެވެ.

ކިޔަވަން ދާން ތައްޔާރުވިއިރު ޒުވާން ބޭބޯ (ކަރީނާ) ހީކުރީ ޔުނިވަސިޓީ ތައުލީމަކީ ވަރަށް މަޖާ ކުޅިވަރެއް ފަދަ އެއްޗަކަށް ވާނެ ކަމަށެވެ. ނަމަވެސް ޔުނިވަސިޓީގައި ކިޔެވުމުގައި ހުރި ބުރަކަން ތަޖުރިބާ ކުރެވުމުން ކަރީނާގެ ހުރިހާ އުފަލެއް ވަޔަށް އަރައިގެން ދިޔަ އެވެ. އޭނާއަށް އެ ޔުނިވަސިޓީގައި ކެތްކޮށްލެވުނީ އެންމެ ތިން މަސް ދުވަހު އެވެ. އެހިސާބުން އަނބުރާ އައީ އެވެ.

ކަރީނާ އަށް ކުރެވުނު ވަރު ވެސް ކަޕޫރު އާއިލާގެ އެހެން މީހަކަށް ނުކުރެވޭ ކަމަށް ވެއެވެ.