ބޮލީވުޑް

ބޮލީވުޑްގެ "ގޮސިޕް ގާލްސް" އަކީ ރަންބީރު، ކަރީނާ އަދި ކަރަން!

ބޮލީވުޑްގައި ހިނގާ ކަންތައްތަކުގެ ސިއްރު މައުލޫމާތުތައް އަނަންޔާ ޕާންޑޭ ކިޔައިދީފި އެވެ. އިންޑިޔާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި އަނަންޔާ ވަނީ ބޮލީވުޑްގެ "ގޮސިޕް ގާލްސް" ގެ ނަންތައް ވެސް ހާމަ ކޮށްފަ އެވެ.

"އަހަންނަށް ހީވަނީ ބޮލީވުޑްގެ އެންމެންނާ ބެހޭ ހުރިހާ މައުލޫމާތެއް އެނގެނީ އަދި އެ ވާހަކަތައް އެހެން މީހުންނަށް ކިޔައިދިނުމުގައި އެންމެ ކުރީގައި އުޅެނީ ކަރީނާ ކަޕޫރާއި ރަންބީރު ކަޕޫރު އަދި ކަރަން ޖޯހަރް ހެން. ގިނަ ބަޔަކު ބުނާ އެއްޗެއް މީ. އެމީހުންނަށް އެނގޭނީ ފިލްމު އިންޑަސްޓްރީގައި ކިތަންމެ ކުޑަ ކަމެއް ހިނގިޔަސް،" އަނަންޔާ ބުންޏެވެ.

އަނަންޔާ ނޫނަސް ވަރަށް ގނަ ބަޔަކު ކަރީނާ އަކީ މިގޮތަށް އެންމެންގެ ވާހަކަ އެނގޭ އަދި އެހެން މީހުންނަށް އެ ވާހަކަތައް ކިޔައިދޭ މީހެއް ކަމަށް ބުނެ އުޅެ އެވެ. ނަމަވެސް ރަންބީރު މިގޮތަށް ގޮސިޕް ކުރާ ކަން މިއީ އަދި ނޭނގޭ ކަމެކެވެ.
މިދިޔަ މާޗް މަހު "ސޫރިޔަވަންޝީ" ޕްރޮމޯޓްކުރުމަށް ކަޕިލް ޝަރުމާ ޝޯގައި ބައިވެރިވެ އަކްޝޭ ކުމާރު ވެސް ވަނީ ކަރީނާ އަކީ ބޮލީވުޑްގެ ގޮސިޕް ކުއީން ކަމަށް ބުނެފަ އެވެ.

"މުމްބައި ޕޮލިހުން ވެސް ރަނގަޅުވާނެ ކަންކަން ހޯދަން ކަރީނާ އެ ޓީމުގައި ބައިވެރި ކުރިއްޔާ. އަހަންނަށް ހީވަނީ އޭނާގެ ސީސީޓީވީ ވިޔަފާރިއެއް ވެސް އޮންނަހެން،" އަކްޝޭ އެ ޝޯގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

އަކްޝޭ އާއެކު ޝޯގައި ބައިވެރިވި ޑައިރެކްޓަރު ރޯހިތު ޝެޓީ ވެސް އަކްޝޭގެ ވާހަކައާ އެއްބަސްވި އެވެ. އޭނާ ބުނީ "ޗެންނައި އެކްސްޕްރެސް" އުފައްދަން އުޅުނުއިރު އެ ދުވަހު އޭނަ ޝާހްރުކް އާ ބައްދަލުކުރަން ގޮސްފައި އައިސް ކަރީނާގެ ގެޔަށް ދިޔައިރު ކަރީނާ އަށް އޮތީ އޭނާ ޝާހްރުކް އާ ބައްދަލުކުރިކަން އެނގިފަ އެވެ. އެހެންވީމާ ކަރީނާ އަކީ ގޮސިޕް ކުއީން ކަމަށް ދެބަސް ވެވެން ނެތް ކަމަށް ރޯހިތު ބުންޏެވެ.

ލޮކްޑައުން އަށް ދިޔައިރު އަނަންޔާ އުޅުނީ އިޝާން ހައްތަރު އާއެކު ކުޅޭ "ހާލީ ޕީލީ"ގެ ޝޫޓިންގް ގައެވެ. މި ފިލްމުގެ އިތުރުން ތެލުގޫ މަޝްހޫރު އެކްޓަރެއް ކަމަށްވާ ވިޖޭ ދޭވަކޮންޑާ އާއެކު ކުޅޭ "ފައިޓާ"ކިޔާ ފިލްމެއް ވެސް އަނަންޔާ ދަނީ ކުޅެމުންނެވެ.

އަނަންޔާ ބޮލީވުޑަށް ތައާރަފްވީ 2019 ގައި ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. އޭގެ ފަހުން ކާރްތިކް އާރްޔަން އާއި ބޫމީ ޕެޑްނޭކަރް އާއެކު "ޕަތީ ޕަތުނީ އައުރް ވޯ" ކުޅެފައި ވެއެވެ.