އެމްޑީޕީގެ ގައުމީ މަޖިލިސް

އިންތިހާބަށް ނުފޫޒު ފޯރުވާތީ ބޮޑެތި ކަންބޮޑުވުންތަކެއް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓް ނެގުން މާދަމާ ކުރިއަށް ގެންދާއިރު އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މާދަމާ ކުރިއަށްދާއިރު ވޯޓުލުން ނޯންނާނީ ހަމައެކަނި ތ. ގުރައިދޫ ދާއިރާގަ އެވެ. އެ ދާއިރާގައި ވޯޓުލުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުގައި އޮތީ ނުފޫޒާއި އޮޅުވާލުމެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތ ގުރައިދޫ ދާއިރާ އިންތިހާބު ލަސްކުރި އުސޫލުން މުޅި ޕްރޮވިންސް ތ އަދި ލ އިންތިހާބު ލަސް ނުކުރީ މާލީ ވަޒީރާ ވާދަކުރާ ކެނޑިޑޭޓަށް ތާއީދު އޮންނަ ދިޔަމިގިލީގައި ވޯޓު ފޮށި ނުބަހައްޓާ ވަޒީރު މޮޅުވާ ގޮތަށް ނަތީޖާ އިއުލާނުކޮށް ނިންމާލަން ވެގެންނެވެ.

"ހަމަހަމަ ފުރުސަތެއް ނެތް،" ބޮންޑެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން ނިކުމެ އުޅޭ ބައެއް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން އެފަދަ "ބޯވަ"ތަކަށް ފުރުސަތު ނުދިނުމަށްވެސް އޭނާ އެދިފައިވެއެވެ.

"އަހަރު ފަހުން އަނެއްކާ އަލުން މިގޮވަންޖެހެނީ 'ބިރު ފަހަނައަޅާ ދިޔުމަށް'. ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދައި އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން ނުކުމެ އުޅޭ މީހުންނަށް ފާޅުގައި ނޫނެކޭ ބުނެ އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ 'ބޯވަތަކަށް' ޖާގަނުދެއްވާ،" ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރިން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ.

އެމްމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި 92،743 މީހުންނަށް ވޯޓް ލެވޭނެ އެވެ.

މިފަހަރުގެ އިންތިހާބު ވާދަވެރިވެ ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެފައިވަނީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ދެ ލީޑަރުންނަށް ތާއީދު ކުރައްވާ ބޭފުޅުން ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުންނެވެ.

ގައުމީ މަޖިލީހުގެ ކޮންޓްރޯލާއި ޕްރޮވިންސްތަކުގެ ކޮންޓްރޯލް ހޯދުމަށް ދެ ލީޑަރުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރި ކަމެއް އެބައޮތެވެ.