ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވީ ރައީސް މުހައްމަދު ނަޝީދު ކަމަށާ އެމަނިކުފާނު މިފަހަރުގެ އިންތިހާބު ނެންގެވީ "ބެންޗު" ޓީމު ނެރެ ކެމްޕޭން ކުރައްވައިގެން ކަމަށް މާފަންނު މެދު ދާއިރާގެ މެެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ކުރި ހޯއްދެވި ލީޑަރެއް ކޮބައިތޯ ބެލުމަށް ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. ރައީސް ސޯލިހުގެ ވަފާތެރިން ގެންދަވަނީ ބޮޑުތަނުން ކާމިޔާބު ހޯއްދެވީ ރައީސްގެ ތާއީދު އޮތް ކެންޑިޑޭޓުން ކަމަށް ވިދާޅުވަމުންނެވެ. ނަޝީދުގެ ވަފާތެރި މެންބަރުންގެ ނަޒަރުގައި އިންތިހާބުން ކުރި ހޯއްދެވީ އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
މިފަހަރުގެ އިންތިހާބުން ރައީސް ނަޝީދުގެ ފެކްޝަން ބަލިވި ކަމަށް ބުނާ ބުނުމަށްވެސް ބޮންޑެ ވަނީ ވަރުގަދަ އަށް ރައްދު ދެއްވާފަ އެވެ. ބޮންޑެ ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ހާމަކުރެއްވުން ފިޔަވައި އެމަނިކުފާނު ކެމްޕޭންގައި އަމަލީ ގޮތުން ނޫޅުއްވާ ކަމަށެވެ. އެ މަސައްކަތް މިފަހަރު ހަަވާލު ކުރެއްވީ "ބެންޗު" ޓީމާ ކަމަށާ އެ ޓީމުގެ އެއް ކެޕްޓަނަކީ ބޮންޑެ ކަމަށް ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބަށް ރައީސް ނަޝީދު އިސްވެ ވަރުގަދަ ކެމްޕޭނެއް ކުރެއްވިނަމަ ނަތީޖާ މާބޮޑަށް އެނބުރުނީސް ކަމަށްވެސް ވިދާޅުވި އެވެ.
"މިފަހަރު ކެންޕެއިން މި ހިންގީ ރައީސް ނަޝީދުގެ ބެންޗު ޓީމުން އިނގޭތޯ. އެމަނިކުފާނުގެ ކެޕްޓަން ބޭންޑް މި އެޅީ އަޅުގަނޑު މިފަހަރު. ދެން ވިސްނަވާ ފުލް ޓީމު އަރައިގެން ވަރުގަދަ ކެމްޕޭނެއް ހިންގި ނަމަ ނިކުންނާނެ ނަތީޖާ. މި އެމްޑީޕީން ރައީސް ނަޝީދު ބަލި ނުކުރެވޭނެ. އެއީ ކަށަވަރު ކަމެއް. ހަގީގަތުގައި މިހާރު މި ފެންނަނީ އެމްޑީޕީގެ ތެރޭގައި ބަރުލަމާނީއަށް އޮތް ތާއީދު ބަލައިނުގަނެވިގެން ހަޑި ހާވާ ބޮޑާ ހާކާ މަންޒަރު،" ބޮންޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް ރައްޔިތުންވެސް އަދި އެމްޑީޕީގެ މެންބަރުންވެސް ނޫނެކޭ ބުނީ ވެރިކަމަށް އައިސް ކުރަން ވައުދުވީ އެއްވެސް ކަމެއް ނުކުރައްވާތީ ކަމަށެވެ. އަދި މަގު ހަދާ، ނަރުދަމާ އަޅާ ކަމަށް ބުނެގެން ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވެ ފަސްގަނޑު ޖެހުމާއި މަގުގައި ގާ އެތުރުމާއި ބަނދަރު ފުން ކުރުމަކީ ވެރިކަމެއް ނެތަސް ހިނގާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް ބާރު އޮވެ އެ ބާރުތައް ދޫވެގެން ދާތަން މި ފެންނަނީ،" މިފަހަރުގެ އިންތިހާބު ސިފަ ކުރައްވަނީ ކިހިނެތްތޯ ދެންނެވުމުން ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި އިންތިހާބުން ކުރި ހޯދީ ސަރުކާރުން ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރެ އެވެ. ނަމަވެސް އުތުރުން ދިއްދޫ އާއި ކެލާ އަދި މަކުނުދޫ ފަދަ ރަށްތަކުންވެސް ކުރި ހޯދީ ބަރުލަމާނީ އެވެ. މާލެއިން ސާފުކޮށް ސަރުކާރަށް ނޫނެކޭ ބުނި ކަމަށްވެސް ބޮންޑެ ވިދާޅުވި އެވެ. އަދި ސަރުކާރުން ތާއީދު ކުރި ކަމަށް ބުނާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ލިބުނު ފުރުސަތާއި އެ ނޫން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ލިބުނު ފުރުސަތު ހަނިވެ ތަފާތުވިއިރު ބައެއް ދާއިރާތަކަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ނެރުއްވައިގެން އެކި ގޮތްގޮތުން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވި އެވެ. އަސާސީ ހިދުމަތް ހުއްޓި ދާނެ ކަމަށްވެސް ބައެއް ކުންފުނިތަކުގެ ވެރިން ކެމްޕޭންގައި ވިދާޅުވި ކަމަށްވެސް ބޮންޑެ ތުހުމަތު ކުރައްވަ އެވެ.
"ފުރަތަމަ ކަމަކަށް ސަރުކާރުން ކެމްޕޭން ކުރާތާ ދެތިން މަހެއް ވެއްޖެ. އަޅުގަނޑުމެން ބަރުލަމާނީ ޓީމު ނިކުމެ މި ކެމްޕޭން ކުރީ އެންމެ 15 ވަރަކަށް ދުވަހު. އެއީ ހަގީގަތް. ނަމަވެސް މި އޮތީ ނަތީޖާ ފެންނަން. ދެން ވިދާޅުވޭ ކޮން ބައެއްތޯ މޮޅުވީ. ނޫސްތަކަށް ފައިސާ ދީގެން ނޫންނަމަ ނުފޫޒު ފޯރުވައިގެން ސަރުކާރުން ބޭނުން އެއްޗެއް ޖެހިދާނެ. ނަމަވެސް އެއީ ހަގީގަތެއް ނޫން،"
ބޮންޑެ ވިދާޅުވި ގޮތުގައި އިންތިހާބުގެ ބައެއް ނަތީޖާއަކީ ގައުމީ މަޖިލީހަށް އެއްވެސް އަސަރެއް ކުރާނެ ނަތީޖާތަކެއް ނޫނެވެ. ގައުމީ މަޖިލީހުގައި މަޖިލީސް މެންބަރުންނަށް ތިބެވޭއިރު އަދި ވަޒީރުންނަށް ތިބެވޭއިރު އެފަދަ ބޭފުޅުން އިންތިހާބަށް ނެރުނީ ކޮން މަގުސަދެއް ހާސިލުކުރަންތޯ ސުވާލު އުފެދޭ ކަަމަށްވެސް ވިދާޅުވި އެވެ.
"ތިން ވަޒީރުން ނެރުއްވި. އަލިފުށީ ދާއިރާގެ މެންބަރު ނެރުއްވި. އެ ބޭފުޅުންނަށް އިތުރަށް ދެވޭނެ ވޯޓެއް ނެތް ގައުމީ މަޖިލީހުގައި،"