ލައިފްސްޓައިލް

އަވަށެއްގެ މީހުން ކިބައިން ބަދަލުހިފަން ރާމާމަކުނެއް!

ބަދަލުހިފުމުގެ މިކަހަލަ އާދަޔާހިލާފު ވާހަކައެއް އިވޭނީ ވަރަށް މަދުންނެވެ. އިންޑިއާގެ ކަރްނާޓަކާގެ ޗިއްކަމާގުލޫރް ޑިސްޓްރިކްޓްގައި އޮންނަ ކޮޓިގެހަރަ އަވަށުގެ މީހުންނަށް މުސީބާތަކަށް ވެގެން މިހާރު އުޅެނީ ވަރަށް ނުލަފާ ރާމާމަކުނަކާ ހެދި އެވެ. އަވަށުގެ މީހުންގެ ކިބައިން ބަދަލު ހިފަން އެސޮރު ފޫގަޅާފައި ވާތީ އެވެ. ހާއްސަކޮށް މި އަވަށުގައި އުޅޭ ޖަގްދީޝް ކިޔާ އޮޓޯ ޑްރައިވަރަކަށް މިސޮރުގެ އުނދަގުލުގެ ސަބަބުން ބިރުން ގޮސް ގެއިން ބޭރަށް ނުކުންނަން ނުކެރޭވަރު ވެފައި ވެއެވެ. އެހެންވެ މި ހިނގާ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖަގްދީޝް އުޅެނީ ގޭގައި ފިލައިގެންނެވެ.

ބޮނެޓް މެކްއެކުއި އާއިލާގެ ވަރަށް ޅަ ރާމާމަކުނެއް ކޮޓިގެހަރަ އަވަށުގައި ފުރަތަމަ އުޅޭތަން ފެށުމުން އެ އަވަށުގެ މީހުން އެހާ ބޮޑަކަށް އެސޮރަކަށް ސަމާލުކަމެއް ނުދެ އެވެ. ފަސް ވަރަކަށް އަހަރުގެ މި ރާމާމަކުނު ބައެއް ފަހަރު މޭވާ އެއްޗެތި ޖަހައިގަނެގެން ދެއެވެ. އަނެއްބައި ފަހަރު ލުއި ކާނާ ޕެކެޓް ވެސް ޖަހައިގަނެގެން ކާލާ ހަދަ އެވެ. މިއީ ރާމާމަކުނުގެ ހުންނަ ސިފައަކަށް ވާތީ ފުރަތަމަކޮޅު މީހުން އެހާ ބޮޑަކަށް މިކަމާ ކަންބޮޑުވެގެނެއް ނޫޅެ އެވެ.

ނަމަވެސް އެ ހިސާބުގަނޑުގެ ސްކޫލްތައް ހުޅުވުނު ފަހުން ސްކޫލެއްގެ ވަށައިގެން މި ސޮރު އުޅެން ފެށުމުން ސްކޫލަށްދާ ބައެއް ކުދިން ބިރުން އުޅެން ފެށި އެވެ. މި ލާނެއް ރާމާމަކުނުގެ ޝަކުވާ ފޮރެސްޓް ޑިޕާޓްމަންޓަށް މީހަކު ކުރުމުން އެތަނުގެ އޮފިޝަލުން ރާމާމަކުނު ހިފަން އަވަށަށް އައެވެ.

މި ރާމާމަކުނު ހިފުމަކީ އެމީހުން ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެންމެ ފަހުން އެ ހިސާބުގަނޑުގެ ހުރިހާ އޮޓޯ ޑްރައިވަރުންނަށް ވެސް މިސޮރު ހިފަން އެހީވެދޭން ފޮރެސްޓް ޑިޕާޓްމަންޓުގެ އޮފިޝަލުން އެދުނެވެ. އަދި އެންމެން ވެގެން އެ ސޮރު ވަކި ދިމާލަކަށް ފަހާ ގެންދިއުމަށް ރޭވި އެވެ. އޮޓޯ ޑްރައިވަރު ޖަގްދީޝް ވެސް މިސޮރު ހިފުމުގައި އެހީތެރިވެ ދިނުމުގެ މަސައްކަތް އެ ދުވަހު ކުރި އެވެ. އަދި ޖަގްދީޝް އެ ސޮރަށް އޮޅުވާލައިގެން ފޮރެސްޓް ޑިޕާޓްމަންޓުގެ ޓީމާ ދިމާލަށް ފޮނުވުމުން އެސޮރަށް ސަލާމަތް ވެވޭނެ ގޮތެއް ނެތި ބެދުނެވެ.

ރާމާމަކުނު އައި ރުޅިން ޖަގްދީޝްގެ ގަޔާ ދިމާލަށް ފުންމައިގަނެ އޭނާގެ އަތުގައި ދަތްއަޅައި ތަންގަނޑެއް ނޮޅާލި އެވެ. ޖަގްދީޝް ބިރުން ފިލަން ދުއްވައިގަތް ނަމަވެސް ރާމާމަކުނު ރަނގަޅަށް ޖަގްދީޝްގެ ފަހަތުން އަޅުވާލައި އޭނާ ދާހާ ތަނަކަށް ދާން ފެށި އެވެ. ޖަގްދީޝް ގޮސް އޭނާގެ އޮޓޯރިކްޝާއަށް ވަދެ ފިލުމުން ރާމާމަކުނު ގޮސް އެ އޮޓޯރިކްޝާގައި ކަވަރާއި ޝީޓް ދަމައިގަނެ އިރާލައި އެ އެއްޗެތި މުޅިން ފުނޑުފުނޑުކޮށްލި އެވެ.

މި ކަންތައްގަނޑެއް ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެވެ. އެންމެ ފަހުން 30 މީހުންގެ މަސައްކަތުން މި ސޮރު ހިފުމުގައި ކާމިޔާބުވި އެވެ. ފޮރެސްޓް ޑިޕާޓްމަންޓް އޮފިޝަލުން މި ސޮރު ގެންގޮސް ދޫކޮށްލީ އެ އަވަށާ 22 ކިލޯމީޓަރު ދުރުގައި އޮންނަ ބަލޫރް ޖަންގައްޔަށެވެ.

"އަހަރެން ބިރުން ގޮސް ހަލާކުނުވީ ކިރިޔާ. އެ މޮޔަވެފައި އިން ރާމާމަކުނު މަގޭ ފަހަތުން އަޅުވާލައިގެން މަ ދާހާތަނަކަށް ދިޔަ. މަގޭ އަތުގައި ދަތްއެޅިތަން މަހެއްހާ ދުވަހުން ނޫނި ފަސޭހަ ނުވާނެކަމަށް ޑޮކްޓަރުން ބުނި. އެހެންވެ އޮޓޯ ވެސް މިހާރު ނުދުއްވޭ. އެއީ އަހަރެންނާއި އާއިލާ ބަނޑުފުރާނަ މުއްތިކުރަން ކުރާ މަސައްކަތް. އަނެއްކާ އަހަރެން ގެޔަށް ދާންވެސް ބިރުން ހުރީ. އެ ސޮރު އަހަރެން ފަހަތުން ގެއަށް އަތުވެދާނެތީ. އަހަރެންގެ ގޭގައި ކުޑަކުޑަ ދަރިން ތިބީމަ. އެ ސޮރު އެ ކުދިންނަށް ހަމަލަދިފިއްޔާ އަހަރެން ކިހިނެއް ހަދާނީ. އަދިވެސް އަހަރެން މިހިރީ ބިރުން،" ޖަގްދީޝް ބުންޏެވެ.

ރާމާމަކުނު ހިފައިގެން ގެންދިއުމުން ޖަގްދީޝް އާއި އަވަށުގެ އެންމެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އެމީހުންނަށް ހަމަޖެހިލައިގެން އުޅެވުނި އެންމެ ހަފުތާއެއް ވަންދެނެވެ. އެއްކަލަ ރާމާމަކުނު އަނބުރާ އަނެއްކާ އެ އަވަށަށް އައިސް މީހުންނަށް ތުރާ ކުރަން ފެށި އެވެ. އެސޮރު އައިކަމަށް ވަނީ އަވަށަށް ދަތުރުކުރި ޓްރަކަކަށް އަރައިގެން ކަމަށް އަވަށު މީހުން ލަފާ ކުރެ އެވެ. ކޮންމެއަކަސް 22 ކިލޯ މީޓަރު ދުރުން އެ ސޮރަށް އަވަށަށް އަންނަން އެނގުނު ގޮތެއް ވެސް ނޭނގެ އެވެ.

އެއީ ހަމަ އެސޮރުކަން ޖަގްދީޝް އާއި އަވަށުގެ މީހުންނަށް ޔަގީން ކުރެވުނީ އެ ސޮރުގެ ކަންފަތުގައި އިން ނިޝާނަކުންނެވެ.
މި ސޮރު އަވަށުގައި އުޅޭ ޚަބަރު ލިބުމާއެކު ޖަގްދީޝް އޭނާގެ ގެޔަށް ވަދެ ފިލި އެވެ.

އެ ސަރަހައްދުގެ ފޮރެސްޓް އޮފިސަރު ބުނި ގޮތުގައި މި ރާމާމަކުނު އެންމެ އިންސާނެއްގެ ފަހަތުން އަޅުވާލައިގެން އޭނާއަށް ގެއްލުން ދެމުން ދަނީ ކީއްވެގެންކަން އެއްގޮތަކަށް ވެސް ނޭނގެ އެވެ. އަދި މިއީ އާންމުކޮށް ރާމާމަކުނުގެ ކިބައިން ފެންނަ ކަހަލަ އަމަލެއް ނޫންކަމަށް ވެސް ފޮރެސްޓް އޮފިސަރު ބުންޏެވެ.

"ޖަގްދީޝް މީގެ ކުރިން އެ ސޮރަށް އަނިޔާއެއް ދީފައިވަނީ ކަމެއް ނުވަތަ ހަމަ ވަގުތުން އެ ސޮރު ހިފަން މަސައްކަތް ކުރި ގަޑީގައި އެ ސޮރަށް އައި ރިއެކްޝަނެއް ކަމެއް ބުނާކަށް ނޭނގޭ. އިންސާނުންނަކަށް ރާމާމަކުނު ހަމަލަ ދޭ ވާހަކަތައް އިވުނަސް މިގޮތަށް އިންސާނެއްގެ ފަހަތުން އަޅުވާލައިގެން އުޅޭ ވާހަކަ އިވުނު މިއީ ފުރަތަމަ ފަހަރު،" ފޮރެސްޓް އޮފިސަރު ބުންޏެވެ.

މިހާރު ދެ ވަނަ ފަހަރަށް ފޮރެސްޓް ޑިޕާޓްމަންޓުގެ ޓިމެއް އައިސް ވަރަށް މަސައްކަތުން ސެޕްޓެމްބަރު 22 ވަނަ ދުވަހު އެ ރާމާމަކުނު ހިފައިފި އެވެ. އަދި މިފަހަރު ގެންދިޔައީ ކުރިން ގެންދިޔަ ޖަންގަޔަށް ވުރެ މާ ދުރުގައި އޮތް ޖަންގައްޔަކަށެވެ. ނަމަވެސް ޖަގްދީޝް އާއި އަވަށުގެ އެހެނިހެން މީހުންގެ ހިތުގައި އަދިވެސް މިސޮރު އަނބުރާ އަތުވެދާނެކަމުގެ ބިރުވެރިކަން އެބައޮތެވެ.

ޖަގްދީޝް ބުނީ އަދި ގޭން ބޭރަށް ނުކުންނާނީ އެ ރާމާމަކުނު އާދޭތޯ ދުވަސްކޮޅަކު ބަލާފައި ކަމަށެވެ.