ލައިފްސްޓައިލް

މާބަނޑު ދުވަސްވަރު ބަރުދަން ހުންނަން ޖެހެނީ ކިހާ ވަރެއްގައި؟

Nov 29, 2015

ބަލިވެއިންނަ ކޮންމެ އަންހެނެއްގެ ވާހަކަ ވެސް ބަލިވެއިންނަ އަނެއް އަންހެނާގެ ވާހަކައަާ ތަފާތެވެ. ތަޖުރިބާކުރަން ޖެހޭ ކަންކަމާއި އަޅާ ވޭނާއި ހޭދަކުރަން ޖެހޭ މުއްދަތު ވެސް ބައެއް ހާލަތްތަކުގައި ތަފާތުވެ އެވެ.

ހަމަ މިގޮތަށް ބަލިވެއިންނައިރު ހަށިގަނޑުގެ ބަރުދަނަކީ ވެސް އެކި މީހުންގެ މެދުގައި ތަފާތުވެފައި އޮންނަ ކަމެކެވެ. ބައެއް މީހުން ވަރަށް ބަރުވެ އެވެ. އަދި އެއްގޮތަކަށް ވެސް ޕްރެގްނެންސީގެ އަސަރުކޮށް ފަލަނުވާ މީހުން ވެސް އުޅެ އެވެ.

އެހެންވީމަ ސުވާލަކީ މިއީ އެވެ. މާބަނޑު ދުވަސްވަރު ބަރުދަން ހުންނަން ޖެހެނީ ކިހާ ވަރެއްގައި ހެއްޔެވެ؟

މަޝްހޫރު ރިއާލީ ޓީވީ ސްޓާ، ކިމް ކާޑޭޝިއަން މިހާރު އިނީ ބަލިވެ އެވެ. ދެ ވަނަ ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެން މިހާތަނަށް 23 ކިލޯ އިތުރުވެއްޖެ ކަމަށް އޭނާ މިފަހުން އާންމުކުރުމުން ވަރަށް ގިނަ ބައެއްގެ އިންޒާރު ވަނީ ލިބިފަ އެވެ. ސަބަބަކީ ބަރުދަނަށް އިތުރު 23 ކިލޯ އިތުރުވިއިރު އޭނާގެ ޑިއު ޑޭޓް އަންނަން އަދި ހަ ހަފުތާ ކުރިއަށް އޮތީމަ އެވެ.

ތަޖުރިބާކާރުން ބުނަނީ މާބަނޑު ދުވަސްވަރު އާދަޔާހިލާފަށް ފަލަވެ، ބަރުދަން އިތުރުވެގެން ދިއުމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ބަނޑުގައި އޮންނަ ދަރިފުޅަށާއި މަންމަ އަށް ވެސް ކޮށްފާނެ ކަމެއް ކަމަށެވެ.

މި ސަބަބާ ހެދި އާދައިގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަކަށް ނިސްބަތްވާ އަންހެނަކު މާބަނޑު ދުވަސްވަރު އެންމެ ބޮޑަށް ވެސް ފަލަވާން ޖެހޭނީ 11 ކިލޯ އާއި 15 ކިލޯގެ ބަރުދަނަކަށް ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.

ވަރަށް ހިކިކޮށް ހުންނަ އަންހެނަކު އޭނާގެ މާބަނޑު ދުވަސްވަރުގައި 12 ކިލޯ އަށް ނުވަތަ 18 ކިލޯގްރާމް ބަރުދަނަށް އިތުރުކުރިޔަސް މައްސަލައެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެންމެ ބޮޑަށް ބަރުދަނަށް ބަލައިގެން އުޅެން ޖެހޭ ބަޔަކީ ފަލަކޮށް ތިބޭ އަންހެނުންނެވެ. އެމީހުންނަށް ދީފައިވާ ރޭންޖަކީ ހަ ކިލޯގްރާމާއި 11 ކިލޯގްރާމެވެ.

ވަކިން ހާއްސަކޮށް ފަލަވުމުގެ މައްސަލަ ދިމާވެފައިވާ ނަމަ މާބަނޑު ދުވަސްވަރު ބަރުދަނަށް ނުވަ ކިލޯއަށް ވުރެ އިތުރު ބުރައެއް އިތުރުނުކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ.

މާބަނޑު ދުވަސްވަރު އާދަޔާހިލާފަށް ފަލަވުމާއި ބަރުދަން އިތުރުވުމަކީ ސީ-ސެކްޝަން ހަދަން ފުރުސަތު ބޮޑުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ބަލިވެއިނުމުން ދިމާވާ ހަކުރުގެ މައްސަލަ ލޭ މައްޗަށް ދިއުމުގެ ނުރައްކާ ވެސް ބޮޑުވެ އެވެ.

މަންމަގެ ފަލަވުމުގެ ނޭދެވޭ އަސަރު ދަރިފުޅަށް ވެސް ކުރެ އެވެ. އެގޮތުން ކުއްޖާ ބޮޑުވަމުން އަންނައިރު ހަކުރުގެ މައްސަލަ ދިމާވުމާއި ފަލަވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުކޮށްދެ އެވެ.