އެމްޑީޕީގެ ގައުމީ މަޖިލިސް

ހަލީމާ ދެކޮޅަށް ދައުވާކުރަން އަކުރަމް ނިންމަވައިފި

Sep 25, 2021
1

ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ދޮގު ތުހުމަތުތަކެއް ކުރެއްވި ކަމަށް ވިދާޅުވެ އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރެއްވުމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ނިންމަވައިފި އެވެ.

އަކުރަމް ގެންދަވަނީ މިއަދު ކުރިއަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަމުންނެވެ.

ހަލީމާ ދެކޮޅަށް ދައުވާކުރެއްވުމަށް އަކުރަމް ނިންމެވީ މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަކްރަމާ ގުޅޭގޮތުން ދޮންބިލަތް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

މަޖިލީހުގެ ޖަލްސާގައި ހަލީމް ވިދާޅުވީ އަކުރަމް ކަމާލުއްދީނަކީ "އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވި ސަސްޕެންޝަނުގައި ވެސް ހުންނެވި ބޭފުޅެއް" ކަމަށެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހަށް އޭނާ އިންތިހާބު ވެއްޖެނަމަ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅަށް ނިކުންނާނެކަން ޔަގީން،" ހަލީމް ވިދާޅުވި އެވެ.

ހަލީމްގެ ވާހަކަތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަކުރަމް ވިދާޅުވީ މަޖިލީހުގައި ހަލީމް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެއީ މިއަދު ކުރިއަށްދާ އިންތިހާބަށް ނުފޫޒުފޯރުވުމަށް ހަލީމް ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން ނެނގީ ސީރިއަސްކޮށް. ދައުވާ ކުރާނަން. އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކިގެން ނުވާނެ،" އަކުރަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރު ހަލީމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދައުވާކުރެއްވުމަށް އަކުރަމް ނިންމެވި ނަމަވެސް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މަޖިލީހުގައި ދައްކަވާ ވާހަކަފުޅަކާ ގުޅިގެން ދައުވާ ނުކުރެވޭނެ އެވެ.

ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގާ ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަކުރަމް ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވުމުން އެމްޑީޕީން ފުރަތަމަ ނިންމީ އޭނާ އަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެއީ އެމްޑީޕީގެ މިފަހަރުގެ އިންތިހާބާ ދިމާކޮށް ހެދި ޝަރުތުތަކެއްގައި ތަހުގީގު އިދާރާ އަކުންނާއި ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ ބޭފުޅުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަަށް ބުނެފައި އޮތުމުންނެވެ. އެކަމަކު އަކުރަމްގެ އެފަދަ މައްސަލައެއް ނެތް ކަމަށް އިދާރާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެންގުމުން އެމްޑީޕީން ފަހުން ވަނީ އޭނާ އަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދީފަ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލަތަކެއްގެ ތުހުމަތުގައި މީގެކުރިން ސަރުކާރުގެ އިސްވެރިންތަކެއް މަގާމުން ސަސްޕެންޑް ކުރެއްވިއިރު އަކުރަމް ވެސް އޭރު ސަސްޕެންޑް ކުރެއްވި އެވެ. ނަމަވެސް އަކުރަމްގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީންނާއި ރިޔާސީ ކޮމިޝަންތަކުން އޭނާ އަށާއި ރައީސް އޮފީހަށް އެންގުމުން އަކުރަމްގެ ސަސްޕެންޝަން ވެސް ފަހުން އުވާލެއްވި އެވެ.