އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މަސައްކަތުގައި ޕާޓީގެ މައި ހަރުގެ ބޭނުންކުރީ ހުއްދަ ނުހޯދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުގެ ނަން ވިދާޅު ނުވެ ފައްޔާޒު ވިދާޅުވީ ޕާޓީގެ މައި ހަރުގެ ޕްރައިމަރީގެ ބޭނުމަށް ބޭނުންކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން ބަޔަކު ޕާޓީގެ މައި ހަރުގެ ބޭނުންކުރީ ހުއްދަ ނުނަގާ ކަމަށް ވިދާޅުވި އެެވެ.
ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި 500 މީހުންގެ ތާއީދު ފޯމު ހުށަހަޅަންޖެހޭތީ އެކަމުގެ ބައެއް މަސައްކަތްތައް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދިޔައީ އެމްޑީޕީ ހަރުގޭގަ އެވެ. ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މައި ހަރުގޭގައި ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުއާ ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އެމަނިކުފާނު ކެމްޕޭން ހަރަކާތްތައް ހިންގުމަށް އޮފީހެއްގެ ގޮތުގައި ބޭނުންކުރައްވަނީ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އާއިލީ ވިޔަފާރި ހިންގާ ސޯލްޓް ކެފޭ ހުންނަ އިމާރާތެވެ. ރައީސް ސޯލިހުގެ ޖަގަހަ ޖަލްސާތައް ބާއްވަނީ ޗާންދަނީ މަގުގައި އިސްކަންދަރު ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނެއްގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފޯރިގަދަ ވެފައިވާއިރު ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ޖަލްސާގެ ވަކި ހިސާބަކުން ޖަލްސާ ބޮއިކޮޓް ކުރުމަށްފަހު އެތަނުން ނިކުމެފަ އެވެ. އެބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ ރިޔާސީ ޕްރައިމަރީއަށް އެކުލަވާލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެ ބޭފުޅުން ހުށަހެޅި ގޮތަށް އެކުލަވާލުމަށް ތާއީދު ނުލިބުމެވެ.
އެމްޑީޕީގެ ކަމާ ގުޅޭ ގަވައިދުގައި ބުނެފައިވަނީ އިންތިހާބީ ކޮމިޓީގެ ފަސް މެންބަރުން ހިމެނުމަށެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ހުށަހެޅުއްވީ މި ކޮމިޓީގައި ދެ ކެންޑިޑޭޓުން ތަމްސީލް ކުރަން ދެ ބޭފުޅުން ހިމެނުމަށާއި ދެ ކެންޑިޑޭޓުންނަށް އެއްބަސްވެވޭ އިތުރު ބޭފުޅަކު ހިމެނުމަށެވެ. އަދި ކޮމިޓީއަށް ހޮވާ ފަސް ބޭފުޅުންގެ ނަމަށް ވަކިވަކިން ވޯޓަށް އެހުމަށްވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ހުށަހެޅުއްވި އެެވެ.
މިހުށަހެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދެކޮޅު ހައްދަވާފަ އެވެ.