މަޖިލީހުގެ ޑިމޮކްރަސީގެ ތާރީހުގައި މިއަދަކީ ކަޅު އަދި ލަދުވެތި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލް؛ސާއަށް އެޖެންޑާކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ އެއް ގޮތަށް ނޫން ކަމަށް ވިދާޅުވެ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެ ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މި އަމަލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނެވިއިރު ހިނގާފައިވާ އަމަލުތަކަށްވުރެ ގޯސް އަމަލެކެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ވޯޓާ ކުރިމަތިލެއްވުމަށްވެސް ފައްޔާޒް ވަނީ ގޮވާލައްވާފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ މިއަދު ފުރަތަމަ އެޖެންޑާކުރީ ހެނދުނު 9:00 ގައި ފެށި ޖަލްސާއަށެވެ.
އެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
ހަސަން އަފީފު ވަނީ އެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ.
"މި ގަރާރު މި އޮތީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަކަށް ނޫން ހުށަހެޅިފަ،" ހަސަން އަފީފު ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަ އަލުން ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވެ ހަސަން އަފީފު ވަނީ މަޖިލީހުގެ މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާ ނިންމަވާލައްވާފަ އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދު 11:30 އަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
އެ ޖަލްސާގައި އީވާ ވަނީ މިއަދު ހެނދުނު އޮތް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ގަރާރު ބޭރުކޮށްލާފައިވާ ކަމަށާއި އެހެންކަމުން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލައްވާފަ އެވެ.