މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން ފައްޓަވާފައިވާ މަސައްކަތާ ދެކޮޅަށް އެމްޑީޕީގެ ސުޕަ މެޖޯރީޓީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި މެންބަރުން ނުކުމެ ވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި މިހާރުގެ ކެބިނެޓްގައި އެންމެ ހީވާގިކޮށް ފެންނަ، މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަރަށް ގާތް ކަމެއް އޮންނަ މެންބަރުންތަކެއް ކަމަށް ވަނީ އެނގިފައެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވައްދާ ގަރާރުގައި ރައީސް ނަޝީދު ވެސް ވަނީ ސޮއިކުރައްވާފަ އެވެ. އަދި އެ މަނިކުފާނާއެކު އިތުރު 20 މެންބަރަކު ސޮއި ދެއްވާފައިވާ ކަމަށް ޔަގީންވެފައި ވެއެވެ. ވަޒީރެއް އިތުބާރު ނެތް ކަމަށް ވޯޓެއް ނަގަން ބޭނުން ވަނީ 10 މެންބަރުންގެ ސޮއެވެ.
ފައްޔާޒަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)ގެ ކޮއްކޯ ފުޅެވެ. އެމްޑީޕީގެ ތެރޭގައި ފުރަތަމަ އުފެދުނު އަރައިރުން އައީ އިބްރާ އާއި ރައީސް ނަޝީދާ ދެމެދުގަ އެވެ. ފަހުން ސިޔާސީ މައިދާނަށް ނުކުންނެވި ފައްޔާޒަކީ ވެސް އިބްރާ ފަދައިން ރައީސް ނަޝީދުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ ބޭފުޅެއް ކަމަށް ވެއެވެ.
ފައްޔާޒުގެ އިތުބާރާ ގުޅޭ ހަބަރު މީޑިއާގައި އާންމު ވުމާ ގުޅިގެން އެމްޑީޕީގެ ސުޕަމެޖޯރިޓީގައި ހިމެނި ވަޑައިގަންނަވާ ބައެއް މެންބަރުން، މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ ގެންދަވަނީ އެކަން ހާމަ ކުރައްވަމުންނެވެ.
އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ ހީވާގި ބޭފުޅެއް ކަމަށާ އެއީ ވިސްނުންތެރި ގާބިލް ބޭފުޅެއް ކަމަށެވެ. އަދި "އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބައޮތް،" ކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ. ރޮޒައިނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި ވަޒީރު ކަމަށާއި އެކަމަނާގެ އިތުބާރު މިނިސްޓަރަށް އެބައޮތް ކަމަށެވެ: "އަޅުގަނޑުގެ ފުރިހަމަ އިތުބާރު ފައްޔަ އަށް އެބައޮތް،"
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަންޖެހޭ ސަބަބެއް ނެތެވެ. އެއީ "ފުރިހަމަ އިތުބާރު އޮތް ވަޒީރެއް" ކަމަށެވެ. އޭގެ ފަހަތުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ވިދާޅުވީ މިނިސްޓަރު ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވެސް އިކްނޮމިކް މިނިސްޓަރު ފައްޔާޒަށް އިތުބާރު ދެއްވަ އެވެ.
މީގެ އިތުރުން ތިނަދޫ ތަމްސީލްކުރައްވާ މެންބަރު އަބްދުﷲ މުގުނީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ތިއްބެވީ ފައްޔާޒާއެކުގައި ކަން ހާމަ ކުރައްވާފައި ވެއެވެ.
"[މިނިސްޓަރު] ފައްޔާޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" ޝިފާއު ވިދާޅުވެފައި ވެއެވެ. އޭނާއާއެކު ގަމު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވިސާމް ވެސް ފައްޔާޒުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.
"ނަތީޖާ ސައްތައިން ސައްތައަށް ދައްކަވަމުން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މިނިސްޓަރު ފައްޔާޒަށް އަޅުގަނޑުގެ އިތުބާރު އެބައޮތް،" ވިސާމް ވިދާޅުވި އެވެ.
ފައްޔާޒުގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެއްކޮޅު ހެއްދެވި އިރު މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހުމަދު ވިދާޅުވީ "މިނިސްޓަރު ފައްޔާޒުއަކީ މި ސަރުކާރުގައި އެންމެ ގާބިލް، ކުޅަދާނަ އަދި އެންމެ ހިންގުންތެރި ވަޒީރު" ކަމަށެވެ. އަދި އެއީ "އެންމެ އިތުބާރު ބޮޑު އެއް ވަޒީރު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒާއެކުގައި ތިއްބެވި މެންބަރުންގެ ތެރޭ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވަނީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތައް "ރަނުން ރަނަށް" ފުއްދެވުމަށް މިނިސްޓަރު ފައްޔާޒު ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދާއި އިތުބާރު އެބައޮތް ކަމަށެވެ.