ފެލިދޫ

ފެލިދޫގެ ރަށް ގިރާ މައްސަލަ ކޮމިޓީއަށް

ވ. ފެލިދޫގެ ރަށް ގިރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ އެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފެލިދޫ އާދަޔާ ހިލާފަށް ގިރަމުންދާ ކަމަށް ބުނެ އެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އެވެ.

އެ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 36 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ގަރާރު ބަލައިގަނެ އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވެސް ވަނީ ފޮނުވައިފަ އެވެ.

ފަޒުލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި ފެލިދޫއަށް އަދަޔާހިލާފަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ ރަށުގެ ނާޒަކު ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއެކު ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވަނީ ވެއްޓިފަ އެވެ.

އެގޮތޮން ހޮސްޕިޓަލާއި ސްކޫލާއި ރައްޔިތުންގެ ގޯތި ގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެ ފެލިދޫގެ ރީތިކަމާއި ގޮނޑުދޮށް ހަލާކުވަމުންދާ ކަަމަށްވެސް ބުނެފައިވެ އެވެ.

ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް އެކަން ނުފެށި ލަސްވަމުންދާތީ ވެސް ފަޒުލް ކަންބޮޑުވުން ފާޅުކުރައްވައިފައި އެވެ.

ފެލިދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށް ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފަޒުލްގެ ގަރާރުގައި ގޮވާލައްވައިފައިވެ އެވެ.