ފެލިދޫ

ފެލިދޫއާ ގުޅޭ ގަރާރު ފާހެއް ނުވި

ވ. ފެލިދޫގެ ރަށް ގިރާ މައްސަލަ ހައްލުކުރަން ހުށަހެޅި ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފެލިދޫ އާދަޔާ ހިލާފަށް ގިރަމުންދާ ކަމަށް ބުނެ އެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އެވެ.

ފެލިދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ފަޒުލް ހުށަހެޅުއްވި ކަންތައްތަަކަކީ މިހާރުވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަަމަށްވާތީ އެ ގަރާރު ފާސްކުރަން ނުފެންނަ ކަަމަށް އެ މައްސަލަ ދިރާސާކުރި އެންވަޔަރަަންމަންޓް ކޮމިޓީން ވެސް އޮތީ ނިންމާފަ އެވެ.

ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 45 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުފެންނަަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެންވަޔަރަަމަންޓް ކޮމިޓީގެ ރިޕޯޓްގައި ބުނީ ފެލިދޫގެ ގިރުން ހުއްޓުވަން މިއަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި އަދި އެ އަދަދު ކުޑަކަމުން އިތުރަށް ފައިސާ ހޯދަން ޕްލޭނިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ބީލަމަށް ހުޅުވާލާނެކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން ދީފައިވާ ކަމަށާއި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން މިއަަހަރު ފަހުކޮޅަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ފަޒުލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި ފެލިދޫއަށް އަދަޔާ ހިލާފަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ ރަށުގެ ނާޒުކު ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއެކު ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވަނީ ވެއްޓިފަ އެވެ. އެގޮތުން ހޮސްޕިޓަލާއި ސްކޫލާއި ރައްޔިތުންގެ ގޯތި ގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެ ފެލިދޫގެ ރީތިކަމާއި ގޮނޑުދޮށް ހަލާކުވަމުންދާ ކަަމަށްވެސް ބުނެފައިވެ އެވެ.

ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް އެކަން ނުފެށި ލަސްވަމުންދާތީ ވެސް ފަޒުލް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެހެންވެ ފެލިދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށް ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފަޒުލްގެ ގަރާރުގައި ގޮވާލައްވައިފައިވެ އެވެ.