ސެޕްޓެމްބަރު 28 ގެ ބޮމުގެ ހާދިސާއަށް ފަހު ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ފުރަތަމަ ފަހަރަށް އާންމު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގެންފި އެވެ.
ހާބަރު ސަރަހައްދުގައި އަލަށް ހެދި، "ރާވެރިބެ މައިޒާން" ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހަނގު ދަރިކަލުންނާ އެކު ރައީސްގެ އަރިހުގައި މެޑަމް ފާތުން ބައިވެރިވެ ވަޑައިގެން ކުޑަކުދިންނާއި އެތަނަށް ދިޔަ އެ ކުދިންގެ އާއިލާތަކާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރެއްވި އެވެ.
ރައީސްގެ ދެކަނބަލުން ދަތުރު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލި ހާދިސާއަށް ފަހު އެކަމަނާގެ ބުރަކަށްޓައް ލިބުނު ގެއްލުންތަކަށް ވަނީ ދެ މަހެއްހާ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވައިފަ އެވެ. މިދިޔަ ހޮސްޕިޓަލުން ދޫކޮށްލި ފަހުން އެކަމަނާ އަދި އެއްވެސް އާންމު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ ވެސް މެޑަމް ފާތުންއަށެވެ.
އެ ހަފްލާ ހިނގަމުން ދިޔަ ވަގުތު އެ ސަރަހައްދުގެ ކެފޭތައް ބަންދުކޮށް ސެކިއުރިޓީ އޮތީ ވަަރަށް ވަރުގަދަ ކޮށްފަ އެވެ. މީގެ ކުރިން މެޑަމް ފާތުންއަކީ ވަރަށް ގިނަ އާންމު ހަރަކާތްތަކުގަ އާއި ހަފްލާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭކަނބަލެކެވެ.
ރާވެރިބެ މައިޒާން ހަދާފައި ވަނީ ކުޑަކުދިން ކުޅެ ހެދުމަށް ޕްލޭ ހައުސްއަކާއި ފެންއަރުވާވަޑާމަކާ ވެސް އެކު އެވެ. މީގެ ކުރިން ހެވީ ވެހިކަލްތައް ޕާކް ކޮށްފައި އޮންނަ އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގައި ގަސް އިންދާފައި ހުރި ބުރުތައް ވެސް ވަނީ ރީތިކޮށް މުޅި ސަރައްދު ވަނީ އެކީ ނަލަ ކޮށްލައިފަ އެވެ. އެ ޕާކްގެ މަސައްކަތް ފެށީ މިނިވަން 50 އާ ދިމާކޮށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ލަސްވި އެވެ.
އެ ސަރަހައްދުގައި ގިނަ ކެފޭތަކެއް ހުރުމުން ރާވެރިބެ މައިޒާނަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާނެ ސަރަހައްދެކެވެ. އެ ހަފްލާ ފެށުމުގެ ގޮތުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި އެއް މިނެޓްގެ ސްކޫތެއް ގެނަ އެވެ.
މިފަހުން ވަނީ ޖުމްހޫރީ ބިނާ ބިސްބުރަށް ބަދަލުކޮށް މިއުވެޔޮ މައިޒާންގެ ނަމުގައި އެތަނުގައި ޕާކެއް ހުޅުވައިފަ އެވެ. މީގެ އިތުރުުން ޖުމްހޫރީ މައިދާން ވެސް މިއުޒިކަލް ފައުންޓެއިންއަކާ އެކު ވަނީ ތަރައްގީކޮށްފަ އެވެ. އަދި ސޯޝަލް ސެންޓަރާ ދިމާލުން ފަޅު ތެރޭގައި އާޓިފިޝަލް ބީޗަކާ އެކު މޫދު ކުޅިވަރު ކުޅޭ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ސުނާމީ ބިނާ ތިންރުށް ޕާކަށް ބަދަލުކޮށް އެތަނުގައި ވެސް ޕާކެއް ތަރައްގީ ކުރުމަށް ވަނީ ނިންމައިފަ އެވެ.