ދުނިޔެ

އެމެރިކާއާ ތުރުކީ ސިފައިން ސީރިއާއިން ފައިބަން ގޮވާލައިފި

ސީރިއާގެ ފޮރިން މިނިސްޓަރު ފައިސަލް މިގްދާދު އދ. އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމެރިކާއާ ތުރުކީގެ ސިފައިން ސީރިއާއިން ފޭބުމަށް ގޮވާލައްވައިފި އެވެ. ސީރީއާގެ އުތުރުގައި ވަކިވެގަންނަން މަސައްކަތްކުރާ ގުރޫޕްތަކަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.

މިގްދާދު ވިދާޅުވި ގޮތުގައި އެމެރިކާއާ ތުރުކީ ސީރިއާގެ ބިމުގައި އެކުރަނީ ކުށެކެވެ. އދ.ގެ މުއާހަދާތަކުން އަދި ދުނިޔެ ގަބޫލު އެހެން މުއާހަދާތަކަށް ހަވާލާދެއްވައި އޭނާ ވިދާޅުވީ މިނިވަން ބިމެއްގައި ހުއްދަ ނެތި އަދި ޚާއްސަކޮށް އަސްކަރީ އެޖެންޑާއެއް ތަންފީޒުކުރަން ތިބުން އޮންނަނީ ވަރަށް ބޮޑަށް މަނާކޮށްފައި ކަމަށެވެ.

ސީރިއާގެ އުތުރުގައި ހަރާކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން ބީރައްޓެހި ގައުމުތަކުގެ މަދަދަށް އެދުމަކި ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް މިގްދާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތްތަކަށް މަދަދުވެރިވުން ބާރުގަދަ ގައުމުތަކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެމެރިކާ ސިފައިން ސީރިއާގައި ބިނާކުރަނިވި އެއްވެސް ކަމެއް ނުކުރާ ކަމަށް މިގްދާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން އެމެރިކާ ސިފައިން ސީރިއާގެ ބިމުން ވައްކަންކުރުން ނޫން ކަމެއް ނުކުރެ އެވެ.

މިގްދާދާދު ވިދާޅުވީ ސިރިއާގެ ދަނޑުބިންތައް އެމެރިކާ ސިފައިން ފޭރިގެންފި ކަމަށާއި ވަގަށް ތެޔޮ ވިއްކުމަކީ އެމެރިކާ ސިފައިން ބޮޑު އާމްދަނީއެއް ހޯދާ ކަމެއް ކަމަށެވެ.

ސީރިއާގައި ތިބެގެން ތުރުކީން ކުރާ ކަމަކީ ވެސް ހަނގިރާމަވެރި ގުރޫޕްތަކަށް މަދަދުވެރިވުން ކަމަށް މިގްދާދު ވިދާޅުވި އެވެ. އިދުލީބުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ތުރުކީއާ ގުޅުން އޮންނަކަން އެއީ މިއަދަކު އެނގުނު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާއިން ކުރިދީންނަށް އެހިތެރިވުމާއި އެމީހުން ލައްވައި ސީރިއާގެ ސަރުކާރު ވައްޓާލުމަކީ ސިއްރެއް ނޫން ކަމަށް މިގްދާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސީރިއާއިން ބޭރު ސިފައިން ފައިބައިގެން ނޫން ގޮތަކަށް ހަމަޖެހުމެއް ނެތް ކަމަށެވެ.