ފޮރިން މިނިސްޓްރީ

ފިޔަވަޅު އަޅަން އުޅެނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން: މިނިސްޓްރީ

Nov 29, 2015
2

ނަޝީދުގެ މައްސަލައާ ގުޅިގެން ދޮގުވާހަކަތަކެއް ފަތުރައިގެން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މަސައްކަތް ކުރަނީ، ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ނަޝީދުގެ މައްސަލައިގައި ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނަޝީދުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގަ އާއި ކޮމަންވެލްތުގައި މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އެހެން ވެސް ކަންކަމާ ގުޅޭ ގޮތުން މުޅިން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރައިގެން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ވެސް އެހާ ގޯސްނޫންކަން ފޮރިން މިިނިސްޓްރީ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އިންސާނީ ހައްގުތަކާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންތައްތަކެއް ހިނގަމުން ނުދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުގައި ކުރީގެ ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫނެވެ. އަދި ނަޝީދަށް ހުކުމް ކުރީ ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ބޮޑު ކުށެއް ނަޝީދު ކުރައްވާފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީ އިން ބުނީ ނަޝީދަށް އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ފުރިހަމަ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެ މައްސަލައިގައި ދެން ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް ނަޝީދު މަސައްކަތް ކުރައްވަނީ އޭގެ ބޭރުން ސިޔާސީ ހައްލުތަކެއް ހޯދުމަށް ކަމަށް ފާހަގަ ކުރަމުން ފޮރިން މިިނިސްޓްރީ އިން ބުނީ ޝަރުއީ މަރުހަލާގައި އޮތް ކަމަކަށް ސިޔާސީ ހައްލެއް ހޯދޭނެ ފުރުސަތެއް ނެތް ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުރަމުން އަންނަނީ ނަޝީދުގެ މައްސަލަ ޝަރީއަތުގައި އޮތުމުން ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި އެފަރާތްތަކުން ބޭނުންވާހާ ގޮތަކަށް އެ މައްސަލަ ނިންމުމަށް،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީ އިން ބުނީ ސިޔާސީ ފަރާތްތަކެއްގެ ގޮވާލުމަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ ހަމަ ސީދާ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަންތައްތަކެއް ކުރުން ކަމަށެވެ. އަދި އެއީ ތަހުޒީބީ ގޮތެއް ނޫން ކަމަށް ވެސް ބުންޏެވެ. މިނިސްޓްރީ އިން ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އިގްތިސާދީ ގޮތުން މިފަދަ ދުވަސްވަރެއްގައި ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.