އީޔޫ އިން ވަކިވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ނިންމި ނިންމުމަކީ ފުރިހަމަ ހަރުދަނާ ޑިމޮކްރަސީ އެއް ހިނގާކަމުގެ ނިޝާނެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާއި މެދު ވަކިގޮތެއް ނެގުމަށް ނެގި ވޯޓާބެހޭ ގޮތުން ފޮރިން މިނިސްޓަރު މިއަދު ނެރުއްވެވި ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި، މިއީ ދައުލަތުގެ ހިންގުމާއި ގައުމުގެ ހިންގުމުގެ ބާރު އެގައުމުގެ ރައްޔިތުންނަށް ހޯދައިދިން ތާރީހީ ނިންމުމެއް ކަމަށާއި މިއިން އިނގިރޭސިވިލާތުގެ އިސްތިގުލާލު ހިފަހައްޓާދީފައިވާ ކަމަށެވެ.
މިނިސްޓަރު ދުންޔާ ވިދާޅުވީ އިނގިރޭސިވިލާތަކީ ރާއްޖެއަށް މުހިއްމުގެ ގައުމެއް ކަަމަށެވެ. އަދި، ރާއްޖެއިން އީޔޫ އާއި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކާއެކު އޮތް ގުޅުންތައް ބަދަހިކުރުމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ކެނޑިނޭޅި ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އެގައުމުގެ އެއްބާރުލުން ކެނޑިނޭޅި ލިބެމުންދާ ކަަމަށްވެސް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓަރ ދުންޔާ ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެ އާއެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަަށް އިސްކަންދެއްވާނޭ ކަމަށާއި ދެގައުމަށް ފައިދާ ކުރުވަނިވި މަޝްރޫއުތަކުގައި ބައިވެރިވުން ކުރިއަށް ގެންދާނޭ ކަމަށެވެ.
އީޔޫ އިން ވަކިވުމަށް އިގިރޭސިިވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލީ މީހުންގެ 52 ޕަސަންޓު މީހުންވަނީ އިނގިރޭސިން އީޔޫ އިން ވަކިވާން ވޯޓު ދީފަ އެވެ. އެއީ 7.8 މިލިއަން މީހުންނެވެ. އިނގިރޭސިން އީޔޫއިން ވަކިނުވާން ލަންޑަން އަދި ސްކޮޓްލޭންޑުގެ ގިނަ ބަޔަކު ވަނީ ވޯޓު ދީފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ ގިނަ މީހުން ވޯޓު ދީފައިވަނީ އީޔޫ އިން ވަކިވާށެވެ. މި ހިޔާލު ހޯދުމުގެ ވޯޓުގައި 30 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށާއި މިއީ އިނގިރޭސިވިލާތުގައި މިހާގިނަ އަދަދެއްގެ މީހުން ވޯޓުލީ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އާބާދީގެ 72.2 ޕަސަންޓު މީހުންނެވެ.
ވޯޓުގެ ނަތީޖާއާއި ގުޅިގެން އިގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ކެމެރަން ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިނުވުމަށް ވަކާލާތު ކުރައްވާފަ އެވެ.