ހަބަރު

އީޔޫން ވަކިވި ޔޫކޭއާއެކު އޮންނަ ގުޅުން ވަރުގަދަވާނެކަމުގެ އުއްމީދުގައި

Feb 2, 2020

މިއަދުން ފެށިގެން ޔޫރަޕުގެ އިއްތިހާދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވި ނަމަވެސް، ޔޫކޭއާއެކު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއްނައިސް، މުސްތަގުބަލުގައި އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދު ކުރާކަމުގައި ރާއްޖޭން ބުނެފި އެވެ.

އީޔޫގެ މެންބަރެއްގެ ގޮތުގައި ޔޫކޭ އޮންނަތާ 47 އަހަރު ފަހުން، އެ އިއްތިހާދުން ވަކިވެފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއް ނެގުނުތާ ތިން އަހަރު ފަހުންނެވެ.

ޔޫކޭ ގަޑިން ރޭ ދަންވަރު 12:00 އަށް ރަސްމީކޮށް ސުންގަޑި ހަމަވިއިރު، ގައުމުގެ އެކި ސަރަހައްދުގައި އެއް ބަޔަކު އުފާފާޅު ކުރަމުންދިޔައިރު، އަނެއް ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ.

އިނގިރޭސި ވިލާތް އީޔުން ވަކިންވުމަށްފަހު، 11 މަހުގެ ޓްރާންސިޝަން މުއްދަތެއް ފެށޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި މީހުން ވަދެ ނުކުތުމާއި، ވިޔަފާރީގެ ގުޅުމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އަދި އެ މުއްދަތުގައި ޔޫކޭން ތަބާވާނީ އީޔޫގެ ގަވައިދުތަކާއި އުސޫލުތަކަށެވެ.

އެކަމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އީޔޫން ވަކިވުމަށް ޔޫކޭން ނިންމި ނިންމުމަށް ރާއްޖޭން އިހުތިރާމް ކުރާ ކަމަށެވެ. އަދި ޓްރާންސިޝަން މުއްދަތު ހަމަވަންދެން، ޔޫކޭ މެންބަރެއްގެ ގޮތުގައި ރާއްޖޭން ބަލާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ޔޫކޭއާއެކު ހާރިޖީ ގުޅުން ގާއިމުކުރިތާ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އަބަދުވެސް އޮތީ ވަރަށް ގާތް، އެކުވެރި ގުޅުމެއް ކަމަށެވެ.

"ރާއްޖޭން ޔޫކޭއާއެކު ކުރިއަށްއޮތް ތަނުގައިވެސް ވަރަށް ގާތުން މަސައްކަތް ކުރާނެ. އަދި މުސްތަގުބަލުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެކަމަށް ޔަގީންކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.