ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކުރިއަރުވަން ކުރަމުންދާ މަސައްކަތް ބަލައިގަނެ އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފި އެވެ.
އިނގިރޭސިވިލާތުން ގައުމުތަކާއެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިއާޔަތްކުރެއެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭ ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރު ދިވެހިރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއެވެ. އަދި ލިސްޓަށް އިތުރުކޮށްފައިވަނީ ބެލަރޫސް އާއި މާލީ އަދި ނިކަރާގުއާ އެވެ.