އަބްދުﷲ ޝާހިދު

ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓަރު ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިގް އަހްމަދު އޮފް ވިމްބެލްޑަން އާއި މިއަދު ވާޗުއަލްކޮށް ކުރިއަށް ގެންދެވި ބައްދަލު ކުރެއްވުމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.