ހަބަރު

ކޮމޮންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް

Feb 5, 2020
6
ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފުރާވަޑައިގެންނެވުމަށް ޝާހިދު އެއާޕޯޓުގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
100%

އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ޝާހިދު އަރުވާނެ ކަމަށެވެ.

ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައި ރާއްޖެ އަލުން އެ ޖަމްއިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ މާދަމާ އެވެ.

އެ ރަސްމިއްޔާތަށްފަހު ރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލު ކޮށްދެއްވާނެ އެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލު ވެގެން ދާނެ އެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު ވައުދުފުޅެކެވެ. އަލުން ކޮމަންވެލްތަށް ވަނުމަށް ރާއްޖޭން ރަސްމީކޮށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމްތަކެއް ފޮނުވިއިރު، އެޕްރީލް 2019 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަންއެއްވެސް ރާއްޖެއަށް ފޮނުވި އެވެ.

މިނިސްޓަރ ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ރޯލެއް އަދާކޮށް، އެޖަމިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޝާހިދުގެ އަރިހުގައި ލަންޑަނަށް ވަޑައިގެންނެވި އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910