ފޮރިން މިނިސްޓްރީ

ކޮމަންވެލްތުން އެދުނު ލިޔެކިޔުންތައް ހަވާލުކޮށްފި

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް މިއަދު ކޮމަންވެލްތާއި ހަވާލުކޮށްފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކާ ސްކޮޓްލޭންޑްގެ އަރިހަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިޔެކިޔުންތައް ހުށަހަޅުއްވާފައި ވަނީ އިނގިރޭސީވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

މިހާރުގެ ސަރުކާރުން އަލުން ކޮމަންވެލްތާއި ގުޅެން މަސައްކަތް ކުރާތީ ކޮމަންވެތްތުގެ ހާއްސަ ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށް، ރާއްޖޭގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި މަޖިލިސް އިންތިހާބު ވެސް އޮބްޒާވް ކުރި އެވެ. އޭރު ކޮމަންވެލްތުން ބުނެފައި ވަނީ މަޖިލިސް އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ވަސީލަތްތަށް ނަހަމަ ބޭނުން ކޮށްގެން ކަމަށެވެ.