ހަބަރު

ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ގެއްލުނީ ބޮޑެތި ފުރުސަތުތައް

ދިވެހިރާއްޖެ ކޮމަންވެލްތްގައި ބައިވެރިވާން އާ ކެބިނެޓުން މިހާރު ނިންމާފައިވާއިރު، އެ ޖަމިއްޔާއިން ވަކިވުމުން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ތަފްސީލްކޮށްދެއްވައިފި އެވެ.

އޮކްޓޯބަރު، 16، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، ސަރުކާރުގެ އަމަލުތަކާ ގުޅިގެން ރާއްޖެ އެ ޖަމާއަތުން ސަސްޕެންޑް ކުރަން މަސައްކަތް ފެށުމާ ގުޅިގެން އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތު ގައުމެއްގެ ގޮތުގައި ރާއްޖެއަށްވެފައިވާ ފައިދާތައް ވަރަށް ތަފްސީލުކޮށް ކިޔާދެއްވައިފަ އެވެ.

މިގޮތުން، 1982 ވަނަ އަހަރު ރާއްޖެ ކޮމަންވެލްތާއި ގުޅުނުފަހުން، މިހާތަނަށް ލިބުނު ފުރުސަތުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާންހުރިކަމަށް ޝާހިދު ވިދާޅުވި އެވެ.

"މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ތައުލީމީ ދާއިރާ، ޒުވާނުންނަށް ލިބިފައިހުރި ސްކޮލާޝިޕްތައް، ފީޖީން ކިޔަވައިގެން ތިބި ދިވެހި ކުދިން މަދެއް ނޫން، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރާއި ކެބިނެޓް އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ވެސް އަކީ ވެސް އެ ސްކޮލާޝިޕްގެ ދަށުން މަތީ ތައުލީމް ހާސިލް ކުރެއްވި ބޭފުޅުން،" މިނިސްޓަރު ތަފްސީލްކޮށްދެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ކިޔެވުމުގެ އިތުރުން، ހުރިމާއި ކެއުން ވެސް ހިމެނޭގޮތަށް ލިބޭ އެފަދަ ސްކޮލާޝިޕްތައް ރާއްޖެފަދަ ޒުވާނުންގިނަ، ތައުލީމީ ވަސީލަތްތައް މަދު ގައުމަކަށް ކޮންމެހެން މުހިންމު ކަމަށެވެ.

"މި ދަންނަވާލީ އަދި ފީޖީގެ ވާހަކަ، މީގެ އިތުރުން ނިއުޒީލަންޑް، އޮސްޓްރޭލިއާ، ކެނެޑާ، ޔޫކޭ، މެލޭޝިޔާ އަދި އިންޑިއާ އަކީ ވެސް ކޮމަންވެލްތު ގައުމުތައް، ކޮމަންވެލްތުން ވަކިވުމުން އެހުރިހާ ގައުމުތަކުން ލިބެންހުރި ފުރުސަތުތައް ރާއްޖެއަށް ވަނީ ގެއްލިފައި،" ޝާހިދު ފާހަގަކުރެއްވި އެވެ.

ތައުލީމީ ދާއިރާގެ އިތުރުން، ރާއްޖޭގެ ކުޅިވަރަށް ލިބުނު ހީނަރުކަން ވެސް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

"ކޮމަންވެލްތު ގޭމްސް ގައި ބައިވެރިވުމުގެ އިތުރުން، ދިވެހި އެތްލީޓުންނަށް ތަމްރީނުތައް ހޯދުމުގެ ފުރުސަތުތައް ވެސް ލިބޭ، ކުޅިވަރުގެ ރޮގުން ވަރަށް ގިނަ ދާއިރާތަކުން ފުރުސަތު ފަހިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކޮމަންވެލްތުއަކީ ވަރަށް ގިނަ ދާއިރާތަކުން މެންބަރު ގައުމުތަކަށް އެހީވެދޭ ޖަމިއްޔާއެއް ކަމަށާއި، މީހުން ބިނާކުރުމާއި، ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ކޮމަންވެލްތު ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ލިބޭ ލުއިތައް ވެސް ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ގެއްލިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ގައުމެއްގައި އެމްބަސީ ނުބެހެއްޓޭއިރު، އެމްބަސީ އެއް ނުހުންނަ ގައުމެއްގައި، ދިވެއްސަކަށް ދަތިތަކެއް ދިމާވެގެން، ކޮންސިޔުލާ ހިދުމަތް ކޮމަންވެލްތު މެދުވެރިވެގެން، އިނގިރޭސިވިލާތުގެ އެމްބަސީތަކުން އެބަހުރި މީގެ ކުރިންވެސް އެހީތެރިކަން ލިބިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހު ހުވާކުރެއްވުމަށް ފަހު އާންމުކުރި 100 ދުވަހުގެ ޕްލޭންގައިވާ ގޮތުގައި، ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުށަހަޅާނެ އެވެ. ނަމަވެސް، ކެބިނެޓުން މިހާރު ނިންމާފައިވާ ނިންމުން، މަޖިލީހުން ފާސްކޮށްފިނަމަ، ކޮމަންވެލްތު މެމްބަރަކަށް ރާއްޖެއަލުން ވުމަށް ދެ އަހަރުގެ އިންތިޒާރެއް ކުރަންޖެހޭނެ އެވެ.

"މަޖިލީހުން ފާސްކުރުމާއެކު ރައީސްގެ ސިޓީފުޅެއް ދާނެ ކޮމަންވެލްތަށް އަލުން ގުޅެން ބޭނުންވާކަމަށް، ނަމަވެސް ކޮމަންވެލްތު އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ކޮމަންވެލްތަށް އަލުން މެންބަރަކު ވެއްދޭނީ ސަމިޓުގަ. މީގެ ދެއަހަރު ފަހުން ދެން ސަމިޓް އޮތީ، އެހެން ނަމަވެސް، ސަމިޓުގެ ކުރިން ކޮމަންވެލްތުގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ."