ބައިނަލްއަގުވާމީ ގުޅުންތައް

ބްރެކްސިޓާއެކު ރާއްޖޭގެ މަހަށް ޔޫކޭން ލުއިތަކެއް ދޭން އެދިއްޖެ

Nov 13, 2019
3

އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށްފަހު، ރާއްޖޭން ބޭރު ކުރާ މަހަށް ލުއިތަކެއް ދިނުމަށް ޔޫކޭ ސަރުކާރުގައި އެދިއްޖެ އެވެ.

ދިވެހި ސަރުކާރުން މި ގޮތަށް އެދިފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ލޯޑް ވިމްބަލްޑަން ތޯރިގު އަހުމަދާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލު ކުރެއްވުމުގައި ފަރަހަނާޒް ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އީޔޫން އިނގިރޭސިވިލާތް ވަކިވާއިރު، ރާއްޖޭގެ މަހުގެ ބާވާތްތަކުން މިހާރު ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭން އެދިވަޑައިގެންފަ އެވެ.

އެގޮތުން، އީޔޫގެ ގަވައިދުތަކާ އެއްގޮތަށް މިހާރު ނަގާ ޑިއުޓީ، ބްރެކްސިޓަށް ފަހު ދެ ގައުމުގެ ދެމެދުގައިވެވޭ އެއްބަސްވުމެއްގެ ދަށުން ލުއިކޮށް ދިނުމަށް ސަފީރު ވަނީ ލޯޑް އަހުމަދުގެ އަރިހުން އެދިވަޑައިގެންފައިކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.

އަދި ކޮމަންވެލްތު، އދ. ގެ އިތުރުން ސައުތު އޭޝިއާގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ތޯރިގު އަހުމަދާއެކު ބޭއްވުނު ބައްދަލުވުމުގައި ފަރަހަނާޒް ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތުގައި ޔޫކޭން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، އެ މަސައްކަތް އަވަސް ކުރުމުގައި ޔޫކޭގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން، ޔޫކޭ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކުދި ގައުމުތަކުގެ މަސްހަތު ހިމާޔަތްކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާމެދު ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އީޔޫގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލާގައި ހައްލެއް ހޯދަން އެކި ސަރުކާރުތަކުން މަސައްކަތް ކުރާތާ އެތަކެއް އަހަރެއް ވަނީވެފަ އެވެ.

ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. ނަމަވެސް އެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު 24 ޕަސަންޓް ޑިއުޓީއެއް ދައްކަން ޖެހެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކާކަށްނުޖެހެ އެވެ. އެ ދުވަސްވަރު ޔޫރަޕަށް އެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން 40 ޕަސަންޓް ބޭރުކުރީ ޔޫރަޕަށެވެ. ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ.

އަދި 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާކަމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ވަނީ ހުރަސްއެޅިފަ އެވެ.

ނަމަވެސް، އެކި ފަހަރު މަތިން ލަސްވަމުންގޮސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އީޔޫން އިނގިރޭސިވިލާތް ވަކިވާއިރު، އީޔޫގެ ގަވައިދުތަކުން ބޭރުވެ، އެކި ގައުމުތަކާ ވިޔަފާރީގެ އެއްބަސްވުންތައް ހެދުމުގެ ފުރުސަތު ޔޫކޭއަށް ލިބިގެންދާނެ އެވެ.