މަސްވެރިން

ރީނދޫ އުރަހަ ކަންނެލީގެ ބޮޑު ކޯޓާ ރާއްޖެއަށް

އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ރާއްޖޭގެ މަސްވެރިންނަށް ބޭނޭނެ މިންވަރު އިންޑިއަން އޯޝަން ޓޫނާ އެސޯސިއޭޝަން (އައިއޯޓީސީ) އިން ކަނޑައަޅައިފި އެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގައި ކަންނެލި މަސްވެރިކަން ރެގިއުލޭޓް ކުރަން އުފައްދާފައިވާ ޖަމިއްޔާ އެކެެވެ. އަންނަ އަހަރު އައިއޯޓީސީގެ މެމްބަރު ގައުމުތަކަށް އިންޑިއާ ކަނޑުން ބޭނޭނީ އެންމެ ގިނަވެގެން 287,140 ރީނދޫ އުރަހަ ކަންނެލި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އައިއޯޓީސީގެ ސެކެޓްރީ ކްރިސްޓޮފާ ބްރަޔަން ވިދާޅުވީ އެ ޖަމިއްޔާގައި ހިމެނޭ 24 މެމްބަރު ގައުމުކަށް ރީނދޫ އުރަހަ ކަންނެލި ބޭނޭނެ މިންވަރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރީނދޫ އުރަހަ ކަންނެލި ބޭނޭނެ އެންމެ ބޮޑު ކޯޓާ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދީފައިވާ އިރު ދެން އެންމެ ބޮޑު ކޯޓާއެއް ދީފައިވަނީ ރާއްޖެ އަށް ކަމަށެވެ.

ޔޫރަޕިއަނަން ޔޫނިއަންއަށް 73،146 ގެ ކޯޓާއެއް ދީފައިވާ އިރު ރާއްޖެއަށް ދީފައިވަނީ 47,195 މެޓްރިކް ޓަނުގެ ކޯޓާއެކެވެ. ދެން އެންމެ ގިނައިން ކޯޓާ ދީފައިވަނީ ސްރީލަންކާ އަށެވެ. އެއީ 31,066 މެޓްރިކް ޓަނެވެ.

އެންމެ މަދުން ކޯޓާ ދީފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ އަަހަރަކު 500 މެޓްރިކް ޓަނެވެ.

ރީނދޫ އުރަހަ ކަންނެލި މަދުވަމުންދާތީ މި ބާވަތުގެ މަހުގެ ނަސްލު އިތުރު ކުރުމަށް ކޯޓާ ކަނޑައަޅައި ގަރާރެއް ފާސްކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް މި ގަރާރު ތަންފީޒުކުރަން އޮމާން، އިންޑިއާ، އީރާން، މަޑެގަސްކަރަ އަދި އިންޑޮނީޝިއާއިން ވަނީ ދެކޮޅު ހަދާފަ އެވެ.