ހަބަރު

މަހުގެ ޑިއުޓީ ކުޑަކުރަން އީޔޫން ނިންމާނީ 2023 ގައި

Aug 31, 2020

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލާގައި ރާއްޖޭން މިހާރު ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް އެކަމާމެދު ގޮތެއް އެންމެ އަވަހަށްވެސް ނިންމާނީ 2023 ގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީގައި އަޅާ އައިސްޕްލާންޓާ ގުޅޭގޮތުން ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައިވާއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވި ގޮތުގައި ޔޫރަޕުން ނަގާ ޑިއުޓީ ކުޑަ ނުކުރެވިގެން އުޅެނީ ރާއްޖޭގެ މަސްވެރި ކަމުގައި މައްސަލައެއް އުޅޭތީ ނޫން ކަމަށެވެ.

ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. ނަމަވެސް އެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު 28 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކާކަށްނުޖެހެ އެވެ. އެ ދުވަސްވަރު ޔޫރަޕަށް އެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން 40 ޕަސަންޓް ބޭރުކުރީ ޔޫރަޕަށެވެ. ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ.

އަދި 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާކަމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ވަނީ ހުރަސްއެޅިފަ އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ސަބްމިޝަނެއް ހަދާފައި. އެކަމަކު އެ ސަބްމިޝަނާ ގުޅިގެން އީޔޫން ދެން އެކަން ރިވިއު ކުރާނީ 2023 ގައި،" ޒަހާ ވިދާޅުވި އެވެ.

ނަމަވެސް، ޑިއުޓީ ކުޑަކުރަން ހުށަހެޅީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

ޒަހާ ވިދާޅުވި ގޮތުގައި، ރާއްޖޭން ހުށަހެޅި ހުށަހެޅުން އަވަސް ކުރުމަށް ފޮރިން އަދި އިކޮނޮމިކް މިނިސްޓްރީ އާގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.