ދުންޔާ މައުމޫން

ފެންނަނީ އިންޑިއާއަށް ގޮސް ހުސްވެފައި އޮތް މަންޒަރު: ދުންޔާ

ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވި އަވަސް އޮންލައިންގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" -- އަވަސް ވީޑިއޯ: އަހުމަދު ރަމީޒު (އަންދު)

ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހަމަހަމަ ކަމެއް ނެތް ކަމަށް ވިދާޅުވެ ހާރިޖީ ސިޔާސަތު ހަމަހަމަ ކުރެއްވުމަށް ދިވެހި ސަރުކާރަށް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

ދުންޔާ މިކަމަށް ގޮވާލެއްވީ އަވަސް އޮންލައިންގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ދުންޔާ ވިދާޅުވީ ރާއްޖެއިން ދަމަހައްޓަމުން އައި ހަމަހަމަ ހާރިޖީ ސިޔާސަތު 2008 ވަނަ އަހަރުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ރައީސް ސޯލިހުގެ ވެރިކަމުންވެސް ފެނިވަޑައިގަންނަވަނީ ވަކި ގައުމަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް މަންޒަރު ކަމަށް ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހަަމަހަމަ ކަމެއް ނެތުމާއި ވަކި ގައުމަކަށް ހުސްވެފައި އޮންނަ ކަހަލަ ގޮތަކަށް ފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަޅުގަނޑަށް މި ފެންނަނީ ވަރަށް ބޮޑަށް އިންޑިއާއަށް ގޮސް ހުސްވެފައި އޮންނަ ކަހަލަ ގޮތަކަށް އިނގޭތޯ. އެއީ އަޅުގަނޑަށް އިޝޫއެއް. އެއީ އަޅުގަނޑުމެންގެ އިންޑިޕެންޑެންސް ކޮމްޕްރޮމައިސްވާތީ،" ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ހާރިޖީ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށާ އެކަމަށް ސަރުކާރަށް ގޮވާލައްވާ ކަަމަށެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް ލީޑަރަކު ވަކި ގައުމަކަށް ރާއްޖެ ބަރޯސާކޮށްފައި ނުބާއްވާނެ ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންނަށް ގެއްލުން ބޮޑު ގޮތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ގައުމެއްގެ ދަށުވާކަށް ނުޖެހޭ. އަޅުގަނޑުމެންނަކީ ޕްރައުޑް ހިސްޓްރީއެއް އޮތް ގައުމެއް،"

އަޅުގަނޑަށް މި ފެންނަނީ ވަރަށް ބޮޑަށް އިންޑިއާއަށް ގޮސް ހުސްވެފައި އޮންނަ ކަހަލަ ގޮތަކަށް އިނގޭތޯ. އެއީ އަޅުގަނޑަށް އިޝޫއެއް. އެއީ އަޅުގަނޑުމެންގެ އިންޑިޕެންޑެންސް ކޮމްޕްރޮމައިސްވާތީ
ދުންޔާ މައުމޫން | ކުރީގެ ފޮރިން މިނިސްޓަރު

ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއަށް މާ ބޮޑަށް ބަރޯސާވުމުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅުއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ބޮޑެތި ގައުމުތަކުން ކުދި ގައުމުތައް އެކި ގޮތްގޮތަށް ކޮންޓްރޯލް ކުރުމަށް ތަފާތު މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާނުވެ ހަމަހަމަ ސިޔާސަތެއް ގެންގުޅެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުގެ ދައުރު ނެތުމުން ކަންބޮޑުވުން

އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި އަބްދުﷲ ޝާހިދަށް ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.

ދުންޔާވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ މިވަގުތަކީ ރާއްޖެއަށް ހަރަކާތްތެރި ފޮރިން މިނިސްޓަރެއްގެ ދައުރު އެންމެ މުހިންމު ވަގުތު ކަމަށެވެ. ނަމަވެސް އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދަށް އެ މިންވަަރަށް ފުރުސަތު ނުދެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ދަތުރުކުރުމުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ އެހީ ހޯދުމުގައި ފޮރިން މިނިސްޓަރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ޝާހިދު ހުންނެވީ އެފަދަ މަސައްކަތްތަކެއް ކުރެއްވޭނެ ފަދަ މަގާމެއްގައިތޯ ވިސްނާލުން މުހިންމު ކަމަށެވެ.

ޝަރަފުވެރި މަގާމެއްގައި ދިވެއްސަކު ހުންނެވުމަކީ ފަހުރުވެރިވާ ކަމެއްކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ ކޮންމެ ވަޒީރެއްގެ ފުރަތަމަ ޒިންމާއަކީ ރައްޔިތުނަށް ހިދުމަތް ކުރުން ކަމަށެވެ. އެކަން ނުކުރެވޭފަދަ ގޮތަކަށް ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ސުވާލު އުފެދޭ މިކަމުން [އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވުން] ކޮން ބެނިފިޓެއްތޯ ދިވެހިރައްޔިތުންނަށް އޮތީ. މިއީ ކިހާ ހަރަދެއް ކިހާ ކަމެއްތޯ. މިއީތޯ ކޮވިޑާއެކު ރައްޔިތުން މިތިބި ހާލަތުގައި ރައްޔިތުން ބޭނުންވާ ގޮތަކީ. މިހާރުގެ މަގާމުގެ ގޮތުން ވަރަށް ގިނަ ވަގުތު އެ ހުންނަވަން ޖެހިވަޑައިގަންނަވަނީ ރާއްޖެއިން ބޭރުގައި. ނަމަވެސް ފުރަތަމަ ހިދުމަތް ކުރައްވަން ޖެހިވަޑައިގަންވާނީ ދިވެހިރައްޔިތުންނަށް ދެއްތޯ. އެހެންވީމަ ގައުމުން ބޭރުގައި އެހާ ދިގު މުއްދަތަކަށް ބޭސްވެފައި ހުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޮޑު އިޝޫއެއް،" ރައީސް މައުމޫނާއި ރައީސް ވަހީދު އަދި ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވާ ދުންޔާ ވިދާޅުވިއެވެ.