މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއި ގުޅިގެން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެއް މުއައްސިސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީގެ އުފެއްދުމުގެ ޖަލްސާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޖަލްސާ އޮންނާނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކަމަށްވެސް ވިދާޅުވިއެވެ. އެ ޖަލްސާއަށް ވާންޖެހޭ އިންތިިޒާމްތައް މިހާރު ކުރަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެ ދުވަހުގެ މެންދުރު ދެއަކުން ހަޔަކަށް އަދި ރޭގަނޑު ނުވަޔަކުން ފެށިގެން ދެވަނަ ދަންފަޅި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ނަމާއި ލޯގޯ އާއި ދިދަ އަދި ކުލަ ފާސްކުރުން އޮންނާނެއެވެ. އޭގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިހާބުކުރަންޖެހޭ އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލާފާއެވެ. އީީމެއިލް އަދި ވައިބާގެ އިތުރުން އެމްއެންފީ އޮފީހަށްވެސް ފޯމް ހުށައެޅޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ޕާޓީގެ ރައީސްގެ މަގާމާއި ނާއިބު ރައީސުންގެ މަގާމަށް ހަ ބޭފުޅަކު އަންހެނުންގެ ވިންގުގެ ލީޑަރު އަދި ޒުވާނުންގެ ވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލަށް 21 މެންބަރުންނެވެ. ނާއިބު ރައީސުންގެ އެއް މަގާމު ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ކައުންސިލްގެ ހަތް ގޮޑިވެސް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.