ތ. ފުނައްޑޫ މަސް ފެކްޓްރީ އަލުން އޮޕަރޭޝަނަށް ގެނެސްދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.
ފުނައްޑޫގައި މަސް ފެކްޓަރީއެއް ތަރައްގީކޮށް 2004 ވަނަ އަހަރު މަސް ގަންނަން ފެށި ރަށަކީ ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ރަށެކެވެ. ފުނައްޑޫއަށް މަސްގަތުމުގެ އޮޕަރޭޝަން އެ ކުންފުނިން ހުއްޓާލީ 2008 ވަނަ އަހަރު އެވެ. ތަސްމީންގެ ކުންފުނިން ފުނައްޑޫ ފެކްޓަރީ ހެދުމަށް ބީއެމްއެލް އިން ނަގާފައި އޮތް ލޯން ނުދައްކާ އޮތުމުން ބޭންކުން އެ ރަށް ވިއްކާލުމަށް އެތައް ފަހަރަކު އިއުލާންކޮށްފައި ވަނިކޮށް ސަރުކާރުން ފުނައްޑޫ ގަނެ އެރަށުގެ ފެކްޓަރީ ހިންގުމަށް މިފްކޯއާ ހަވާލުކުރީ މިއަހަރުގެ މާޗް ހަވަނަ ދުވަހު އެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ސޮއިކުރައްވާ މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ފުނައްޑޫ ފެކްޓަރީ ހިންގަން މިފްކޯއާ ހަވާލުކުރިތާ އަހަރެއް ވެގެން ދިޔައިރުވެސް ފުނައްޑޫ ފެކްޓްރީ ނުފެށިވާތީ އެކަން ކުރެވޭނެ ކަމާމެދު މިހާރު ސުވާލު އުފެދެން ފަށާފައިވާ ކަމަށެވެ.
ފުނައްޑޫގެ އޮޕަރޭޝަން ފެށުން ލަސްވާތީ އެމްއެންޕީގެ ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ދެފަހަރެއްގެ މަތިން، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު މަޖިލިސްގައި މިނިސްޓަރާ ސުވާލުކުރެއްވުމުން ވިދާޅުވީ ފުނައްޑޫގެ ބަނދަރު ތަރައްގީކުރުމާއި އައިސްޕްލާންޓް ބަހައްޓާ، އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް މިފްކޯއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ދެމަސް ދުވަސް ނަގާނެ ކަމަށެވެ. އޭގެފަހުން މިދިޔަ ސެޕްޓެމްބަރު މަހު މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް ސުވާލުކުރެއްވުމުން ވިދާޅުވީ އެ ފައިސާ އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ވެސް މިހާރު ލިބޭނެ ކަމާ ދޭތެރޭ އެމްއެންޕީގެ ސިޓީގައި ވަނީ ސުވާލު އުފައްދަވާފަ އެވެ.
މިނިސްޓަރު ކުރިން ވިދާޅުވި ގޮތުންނަމަ ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެވޭނީ 10.2 މިލިއަން ޑޮލަރު -- 157.3 މިލިއަން ރުފިޔާގެ ލޯނެއް ލިބިގެންނެވެ.
އެމްއެމްޕީގެ ސިޓީގައި ބުނެފައިވަނީ އެ ޕާޓީގެ އިސް ބޭފުޅުން މިދިޔަ މަހު ފުނައްޑޫ ހިމެނޭ ތ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމުން ނައްޑޫ މަސް ފެކްޓްރީ ހުއްޓިފައިވާ މައްސަލައިގައި ތ. އަތޮޅުގެ ރައްޔިތުން ކަންބޮޑުވެފައި ތިބިކަން ފާހަގަކުރެވުނު ކަމަށެވެ. ފެކްޓްރީގެ މަސައްކަތް އަލުން ފަށައިގަތުމަށް ބާރުއެޅުމަށްޓަކައި އެމްއެންޕީން މަސައްކަތް ކޮށްދިނުމަށް ތ. އަތޮޅު ރައްޔިތުން އެދިފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ތ. އަތޮޅަކީ މަސްވެރިކަން ފިޔަވާ އެހެން އެއްވެސް ސިނާއަތެއް ނެތް ސަރަހައްދެއް ކަމަށްވާތީ ފުނައްޑޫ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނައުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ބުނެފައިވެ އެވެ.
ފުނައްޑޫ މަސް ފެކްޓަރީގެ މަސައްކަތް ފެށުން ލަސްވާތީ އެމްއެންޕީގެ މަޖިލިސް މެންބަރު ރިޔާޒު ވަނީ އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިހާރު ހުށަހަޅާފަ އެވެ.